ރަމަޟާންމަހާ ގުޅިގެން ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން 953 ގައިދީން މިނިވަންކުރަން ނިންމައިފިއެވެ.

ރޯދަމަހާއި ގުޅިގެން 935 ގައިދީ އަކު ޖަލުން މިނިވަންކޮށް ދޫކޮށްލުމަށް އަމުރުކުރެއްވީ އެގައުމުގެ ރައީސް ޝައިޚް ޚަލީފާ ބިން ޒައިދު އަލް ނަހްޔާންއެވެ.

މިއީ ޔޫއޭއީގެ ރައީސަށް ލިބިވަޑައިގަންނަވާ އިޚްތިޔާރާއި ބާރުގެ ދަށުން ކުރެއްވި އަމުރުފުޅެއް ކަމަށް އެގައުމުގެ މީޑިއާއިން ބުނެއެވެ.

ކޮންމެ އަހަރެއްގެ ރޯދަމަހާއި ދިމާކޮށް ޔޫ.އޭ.އީގައި ކުށްވެރިންނަށް މާފު ދެއްވައި މިނިވަން ކުރެއްވުމަކީ އާންމުކޮށް ކުރައްވާ ކަމެކެވެ.

މިއީ އެކި ކުށްތައް ކޮށްގެން ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދާ މީހުންނަށް އަލުން އާ ދިރިއުޅުމެއް ފެށުމުގެ ފުރުސަތު ފަހިކޮށްދެއްވުމަށް ޔޫއޭއީން އެޅި ފިޔަވަޅެކެވެ.

އަދި މީގެ އިތުރަށް ޔޫއޭއީގެ ޝާރްޖާހްގެ ވެރިޔާ ޑރ. ޝައިޚް ސުލްތާން ބިން މުހަންމަދު އަލްޤާސިމީވެސް ވަނީ، ރަމަޟާންމަހާއި ގުޅިގެން 304 ކުށްވެރިޔަކު މިނިވަން ކުރެއްވުމަށް އަމުރު ކުރައްވާފައެވެ.

ޝާރްޖާހް ފުލުހުންގެ ކޮމާންޑަރ ސައިފް އައްޒީރީ އައްޝަމްސީ ވިދާޅުވީ، ޝާރްޖާހްގެ ވެރިޔާގެ މިނިންމެވުމަކީ، އެ ގައިދީންގެ އާއިލާތަކަށް ހަމަޖެހުން ގެނައުމަށް އެހީތެރިވެ ދެއްވުމުގެ މަގްސަދުގައި ނިންމެވި ނިންމެވުމެއް ކަމަށެވެ.