ކޮވިޑް-19 އަށް ވެކްސިނެއް އުފެއްދުމުގެ މަސައްކަތުގައި އެންމެ ކުރީގައި އުޅޭކަމަށް މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ އޮކްސްފޯޑް ޔުނިވަސިޓީގެ ވެކްސިން ތަހްލީލް ކުރަން ވެކްސިން ދިން މީހަކު ގޮތް ނޭނގޭ ގޮތަކަށް ބަލިވީ ވެކްސިން ދިނުމުގެ ސަބަބުން ނޫން ކަމަށް އެ ޔުނިވާސިޓީން ބުނެފިއެވެ.

މިކަން ހާމަކޮށް އޮކްސްފޯޑުން ބުނެފައި ވަނީ، ވެކްސިން ދިން ވޮލެންޓިއަރަކަށް ނާރުގެ މައްސަލަތަކެއް ދިމާވެ، ގޮތްނޭނގޭ ހަލަތެއް މެދުވެރިވި މައްސަލަ ތަހުޤީޤު ކޮށްފައިވާ ކަމަށާއި، ނަމަވެސް އެއީ ވެކްސިން ދިނުމުގެ ސަބަބުން ދިމާވި ހާލަތެއް ކަމަށް ބެލެވޭނެ ހެއްކެއް ފެނިފައިނުވާ ކަމަށް އެ ޔުނިވާސިޓީން ވަނީ ބުނެފައެވެ.

މީގެ ހަފްތާއެއްހައި ދުވަސްކުރިން މި ހާދިސާ ފެންމަތިވުމާއި ގުޅިގެން ވެކްސިންގެ ތަހުލީލުތައް ކުރިޔަށް ގެންދިއުން ހުއްޓާލާފައި ވެސް ވެއެވެ. ނަމަވެސް ތަހުޤީޤަށް ބޭނުންވާ މަޢުލޫމާތުތައް އެއްކުރުމަށްފަހު އަނެއްކާވެސް ތަހުލީލުތައް ކުރިޔަށްގެންދިއުމުގެ ހުއްދަ ވަނީ ދީފައެވެ.

ބައެއް މަސްދަތުތަކާއި ހަވާލާދީ ނޫސްތަކުގައި ބުނެފައިވާ ގޮތުން މި ވެކްސިން ދީގެން ބަލިވި މީހާއަށް ފަރުވާދެމުން ދިޔައީ ސީރިއަސް ހާލުގައެވެ. އަދި އޭނާއަށް ފުރާނައަށް ނުރައްކާވާ ވަރުގެ ހާލަތެއް މެދުވެރިވިކަމަށް ވެސް އެފަރާތްތަކުން ބުނެފައި ވެއެވެ. ނަމަވެސް ރަސްމީ ފަރާތަކުން އެކަން ކަށަވަރުކޮށްދީފައެއް ނުވެއެވެ.

މި ވެކްސިނަކީ އޮކްސްފޯޑް ޔުނިވާސިޓީ އާއި ވެކްސިން އުފައްދާ "އަސްޓްރަ ޒެންކާ" ކުންފުނިން ގުޅިގެން އުފައްދާ ވެކްސިނެކެވެ. ތަހުލީލުގައި ބައިވެރިވި ވޮލެންޓިއަރަކަށް ގޮތްނޭނގޭ ހާލަތެއް މެދުވެރިވެފައި ވަނީ އިނގިރޭސިވިލާތާއި އެމެރިކާ އަދި އޮސްޓްރޭލިއާގެ މީހުންނަށް މި ވެކްސިން ދީގެން ތަހުލީލުތައް ކުރިޔަށް ގެންދަން ހަމަޖެހިފައި ވަނިކޮށެވެ.

މި ވެކްސިނަކީ އެންމެ ކާމިޔާބުކަމަށް ބެލެވުނު، އަދި ދުނިޔޭގެ ސިއްޙަތު ޖަމިއްޔާގެ މިންގަނޑުތަކާއި އެއްގޮތަށް އެންމެ އަވަހަށް ނެރެވޭނެ ކަމަށް ބެލެވުނު ވެކްސިނެވެ. ދިމާވި ހާދިސާ އަކާއި ގުޅިގެން ތަހުލީލު މެދުކެނޑުނު ނަމަވެސް "ޝެޑިއުލާއި އެއްގޮތަށް" ވެކްސިންގެ މަސައްކަތް ނިންމޭނެ ކަމަށް އަސްޓްރަ ޒެންކާއިން ވަނީ ބުނެފައެވެ.