އެމެރިކާގެ ރައީސް އަދި ދުނިޔޭގެ ހުރި އެންމެ ބާރުގަދަ މީހާ ކަމަށް ދައުވާކުރާ ޑޮނަލްޑް ޓްރަމްޕް ކޮވިޑް-19 އަށް ފައްސިވުމުން ގިނަ ބަޔަކު ދަނީ އެއީ ރަނގަޅަކަށް ވީކަމެއް ކަމަށް ބުނަމުންނެވެ. އަދި ކޮވިޑް-19އަކީ ހަގީގަތެއްކަމާއި އެއީ ނުރައްކާތެރި ބައްޔެއްކަން ޓްރަމްޕަށް މިހާރު އަމިއްލައަށް ތަޖުރިބާ ކުރަން ޖެހޭނެ ކަމަށް އެކި ފަރާތްތަކުން ދަނީ ބުނަމުންނެވެ. ޓްރަމްޕް ކޮވިޑް-19އަށް ފައްސިވުމުން އެކަމާ މީހުން ކަންބޮޑުނުވާ އެއް ސަބަބަކީ ޓްރަމްޕަކީ އެއްގޮތަކަށްވެސް ކޮވިޑު-19ގެ ނުރައްކާތެރިކަން ގަބޫލުކުރާ މީހެއް ނޫނެވެ. އަދި އޭނާ ފައްސިވީ އެމެރިކާއިން ވަރަށް އަވަހަށް ކޮވިޑުން އަރައިގަނެވޭނެ ކަމަށް ބުނިތާ މާ ގިނައިރުތަކެއް ނުވަނީހެވެ.

ޓްރަމްޕް ކޮވިޑަށް ފައްސިވުމުން އެންމެ ބޮޑަށް އެކަމަށް ޖޯކު ޖަހާ އެއް ގައުމަކީ ޗައިނާއެވެ. އެއީ ޓްރަމްޕަކީ ޗައިނާއަށް ވަރަށް ފާޑުކިޔާ މީހެކެވެ. އަދި އޭނާ ބުނެފައި ވަނީ ކޮވިޑަކީ ޗައިނާއިން އުފެއްދި ޗައިނާ ވައިރަހެއް ކަމަށެވެ. ކޮވިޑަކީ ޗައިނާގެ ވުހާންއިން އުފެއްދި ވައިރަހެއް ކަމަށް ޓްރަމްޕް ބުނާއިރު، ޓްރަމްޕް ދެއްކެވި ވާހަކަތަކަށް ހެއްކެއް ހުރިތޯ ނޫސްވެރިން ކުރި ސުވާލުތަކާ ގުޅިގެން މިއަދާ ހަމައަށްވެސް ޓްރަމްޕްއަށް ހެއްކެއް ދެއްކިފައި ނުވެއެވެ. އޭނާ ބުނަނީ އެއީ ރަސްމީ ފަރާތްތަކުން ހާމަކުރަންޖެހޭ މައުލޫމާތު ކަމަށެވެ.

ޗައިނާސް ގްލޯބަލް ޓައިމްސްގެ އެޑިޓަރު ހު ޒިޖިން ކުރެއްވި ޓުވީޓެއްގައި ބުނީ ޓްރަމްޕް އާއި ފަސްޓް ލޭޑީ ކޮވިޑަށް ކުރި މަލާމާތްތަކުގެ އަގު އަދާކޮށްފި ކަމަށާއި ދެމީހުންވެސް ފައްސިވުމުން އެމެރިކާގައި ކޮވިޑުގެ ނުރައްކާ އޮތް މިންވަރު ހާމަވެގެންދާ ކަމަށެވެ. އަދި މިކަމުގެ ސަބަބުން މީހުން ޓްރަމްޕާއި އެމެރިކާ އާއި ދޭތެރޭ ދެކޭގޮތްތަކަށް ނޭދެވޭ ބަދަލު އަންނާނެ ކަމަށް ބުންޏެވެ. އަދި އެމެރިކާގައި ކުރިޔަށް އޮތް ރިޔާސީ އިންތިހާބަށްވެސް ނޭދެވޭ ބަދަލުތަކެއް އަންނާނެ ކަމަށް އޭނާ ބުންޏެވެ.

ފްރާންސް ސަރުކާރުގެ ތަރުޖަމާނު ގެބްރިލް އަތްތެލް ވިދާޅުވީ މިކަމުން ހާމަވާ ހަގީގަތަކީ ކޮވިޑަކީ އެއްވެސް މީހަކަށް އެއިން ސަލާމަތްވެވޭނެ ވައިރަހެއް ނޫން ކަމަށާއި އޭގެ ތެރޭގައި އެއީ ހަގީގަތެއް ކަމަށް ގަބޫލުނުކުރާ ފަރާތްތައްވެސް ހިމެނޭ ކަމަށެވެ. އޭނާ ވަނީ ޓްރަމްޕަށް އަވަސް ޝިފާއަކަށް އެދިފަ އެވެ.

ކޮވިޑުގެ ނުރައްކާ އެންމެ ބޮޑު އެއް ގައުމަށް އެމެރިކާ ވެފައިވާއިރު، އެ ގައުމުގެ ރައީސް ޓްރަމްޕު ބުނަނީ ކޮވިޑަކީ ބިރުގަންނަންޖެހޭ ބައްޔެއް ނޫންކަމަށާއި ބަލި އެއްކޮށް އެ ގައުމުން ފިލައިގެން ދާނެ ކަމަށެވެ. އަދި އޭނާ ވަނީ އެކިފަހަރުމަތިން އެމެރިކާގެ ސަރުކާރުގެ ވުޒާރާތަކުން ކޮވިޑާއި ގުޅިގެން އަޅާފައިވާ ގައިޑްލައިންތަކާއި ހިލާފުވެ އެއަށް ގޮންޖައްސަވާ ޖޯކުވެސް ޖަހާފައިވެއެވެ.

ޓްރަމްޕުގެ ވާހަކަތަކަށް އެއްވެސް ގޮތަކަށް އިތުބާރު ނުކުރައްވާކަން ހާމަކޮށް ގިނަ ފަރާތްތަކަކުން ޓްރަމްޕާ ދެކޮޅަށް ހިޔާލުފާޅުކުރަމުންދާއިރު ބައެއް ފަރާތްތަކުން ބުނަމުން ގެންދަނީ ޓްރަމްޕަށް މިފަހަރުގެ އިންތިހާބަށް ކުރިމަތިލައްވަންވެސް ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހޭނެ ކަމަށެވެ. އަދި ޓްރަމްޕަކީ 74 އަހަރުގެ މީހަކަށްވާއިރު ވައިރަހުން އޭނާ ސަލާމަތްވުމަކީ ދުރު ކަމެއް ކަމަށް ގިނަ ފަރާތްތަކުން ބުނެއެވެ.

ކޮވިޑް-19 ޖެހިގެން އެމެރިކާއިން މިހާތަނަށް 2 ލައްކައަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. އަދި 7 މިލިއަން މީހުންނަށް އެ ގައުމުން މިހާތަނަށް ކޮވިޑް ޖެހިފައި ވެއެވެ. ޓްރަމްޕް ކޮވިޑަށް ފައްސިވުމާ ގުޅިގެން އެމެރިކާގެ ވިޔަފާރިއަށްވެސް ވަނީ އަސަރުކުރަން ފަށައިފައެވެ. އަދި ތެލުގެ ބާޒާރަށްވެސް މިހާރު ވަނީ ނޭދެވޭ އަސަރު ކޮށްފައެވެ.

ޓްރަމްޕް ކޮވިޑަށް ޖޯކު ޖަހާފައިވާ ހަކަ ދައްކާފައިވާއިރު ދުނިޔޭގެ 3.2 މިލިއަން މީހުންނަށް ވަނީ މި ބަލި ޖެހިފައެވެ. އަދި އެތައް ލައްކަ މީހުންނެއް ކޮވިޑް ޖެހުމުގެ ސަބަބުން ވަނީ މަރުވެފައެވެ. އެތައް ގައުމެއްގެ އިގްތިސާދަށް ހީނަރުކޮށް އެތައް މިލިއަން މީހުންގެ ވަޒީފާ ވަނީ ގެއްލިފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަރީ

    ކަލޯ މަ އަދިވެސް ޤަބޫލެއް ނުކުރަން ކޮވިޑަކީ ނުރައްކާތެރި ބައްޔެއްކަމަކަށް

    2
    10
  2. މިރާއްޖޭގައި ވެސް

    ތިވިސްނުމުގެ، ދެތިންމީހަކު މި ރާއްޖޭގައި ވެސް، އެބައުޅެއެވެ. އޭގެތެރޭގައި، އެއުޅޭ ޖާބިރާއި، އަދުރޭ ހިމެނެއެވެ.

  3. ބަކުރު

    ކޮވިޑަކީ ނުރަށްކާތެރި ބައްޔެއް ކަމަށް ނު ދެކެނީ ﷲ ގެކޯފާއެއްކަން ގަބޫލުނުކުރާ ޖާހިލުންނަށް އޭގެތެރެއިން ދުނިޔޭގައި މިހާރުތިބީ ދެޖާހިލުން އެއީ ޓުރަންޕާ ކެނެރީގޭ ބުއްޅަކަލޯ.