އޮސްޓްރޭލިއާގެ ސްޓޭޓެއް ކަމަށްވާ ނިއު ސައުތު ވެލްސް އިން ކޮވިޑް-19 ގެ ވޭދަނައެއް ނުފެންނަތާ ނުވަ ދުވަސް ވެފައިވާ ކަމަށް އެ ގައުމުގެ ސަރުކާރުން ހާމަކޮށްފިއެވެ. އެ ގައުމުގެ ސަރުކާރުން މިހާރު ވަނީ ކުއީންސް ލެންޑްބެ ބޯޑަރު އަންނަ މަހުގެ އެކެއްގައި ހުޅުވާލަން ނިންމައިފައެވެ. ނިއު ސައުތު ވެލްސްގް ސިއްހީ ވުޒާރާ އިން 24 ގަޑިއިރުގެ ތެރޭގައި 8،305 ކޮވިޑް ސާމްޕަލް ނެގިއިރު އޭގެ ތެރެއިން އެއްވެސް މީހަކު ފައްސި ނުވެއެވެ.

މިދިޔަ ހުކުރު ކުއީން ލެންޑުގެ ލީޑަރު ވިދާޅުވެފައި ވަނީ ނޮވެމްބަރު 1 ގައި ނިއު ސައުތް ވެލްސް ގެ ބޯޑަރު ހުޅުވާލާނީ އެ ސްޓޭޓުގައި ކޮވިޑުގެ ވޭދަނައެއް ނުފެނި 28 ދުވަސް ވުމުން ކަމަށެވެ. މިހާރު އެ ސްޓޭޓްގައި ކޮވިޑް ވޭދަނައެއް ނުފެނި 9 ދުވަސް ވެފައިވާއިރު ބާކީ އެ ސްޓޭޓްގެ ބޯޑަރު ހުޅުވާލަން އޮތީ 19 ދުވަހެވެ. އަދި މި ދުވަސްތަކުގެ ކޮވިޑުގެ އެއްވެސް ކޭސްއެއް ފާހަގަ ކުރެވިއްޖެނަމަ ބޯޑަރު ހުޅުވުން ލަސްވެގެންދާނެ ކަމަށް ސަރުކާރުން މައުލޫމާތު ދެއެވެ.

މި ދުވަސްވަރުގައިވެސް އެ ސްޓޭޓުގައި ކޮވިޑާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް އަމަލުކުރަމުންދާ އިރު އެ ފިޔަވުތަކާ ހިލާފުވާ ފަރާތްތަކާ މެދު ކަމާބެހޭ ފަރާތްތަކުން ފިޔަވަޅު އަޅަމުން ދެއެވެ. އަދި އެ ސްޓޭޓުގެ އެކި ސަރަހައްދުތަކުގައި ސަލާމަތީ ފަރާތްތަކުން ދަނީ ޕެޓްރޯލްވެސް ކުރަމުންނެވެ.

ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ބުނީ އެ ސްޓޭޓުގައި އަޅާފައިވާ ފިޔަވަޅުތަކަށް މި މަހުގެ ތެރޭގައި ލުޔެއް ދޭނެ ކަމަށެވެ.

އެގޮތުން ސަރުކާރުން ބުނީ ކުރިއަށް އޮތް ދުވަސްތަކުގައި ބަލީގެ އަސަރު ނުފެނިދާ ނަމަ މިމަހު 19 އަށް ފިޔަވަޅުތަކަށް ލުޔެއް ދޭނޭ ކަމަށެވެ. އޮސްޓްރޭލިއާގެ ބޮޑުވަޒީރުގެ ނައިބު ވަނީ ކްރިސްމަސްއަށް އެ ގައުމުގެ ބޯޑަރު ހުޅުވާލުމަށް ވެސް ޑިމާންޑު ކޮށްފައެވެ.

އޮސްޓްރޭލިޔާގައި މިހާތަނަށް 27،121 މީހުން ކޮވިޑް-19 އަށް ފައްސިވެފައިވާއިރު 24،708 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. އެ ގައުމުން ކޮވިޑް ޖެހިގެން މަރުވެފައި ވަނީ 893 މީހުންނެވެ.