އިނގިރޭސި ވިލާތުގެ ވެސްޓް މިޑްލޭންޑުގައި މީހަކު މަރުވުމުން 200 މީހުންނާއި އެކު ބޭއްވި ޖަނާޒާއެއް ފުލުހުން ރޫޅާލާ، ޖަނާޒާ ބޭއްވި ހޮޓެލް 10،000 ޕައުންޑް އިން ޖޫރިމަނާކޮށްފިއެވެ.

"ޑެއިލީމެއިލް" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ވެސްޓް މިޑްލޭންޑުގެ ކާސްލް ބްރޯމްވިޗް ހޯލް ހޮޓެލްގައި މިދިޔަ މަހުގެ 25 ވަނަ ދުވަހުގެ ރޭ ބޭއްވި ޖަނާޒާ ރޫޅާލާފައި ވަނީ، އެތަނަށް ބަޔަކު މިހާރު ފެތުރެމުން އަންނަ ކޮވިޑް-19އިގެ އުސޫލުތަކާއި ހިލާފަށް ބޮޑު އެއްވުމެއް ބާއްވައިގެން އުޅޭ ކަމަށް ފުލުހުންނަށް ނުވަ ފަރާތަކުން ޝަކުވާ ހުށަހެޅުމުންނެވެ.

ފުލުހުން އެތަނަށް ވަދެފައި ވަނީ އެއްވެސް އެންގުމަކާއި ނުލައެވެ. ވަދެ ހޮޓެލް މެޖޭޖަރާއި ވާހަކަ ދެއްކުމަށް ފުލުހުން އެދޭ ވީޑިއޯއެއް އާންމު ކޮށްފައިވާކަމަށް އެނޫހުން ވަނީ ރިޕޯޓުކޮށްފައެވެ.

އެގައުމުގެ ފުލުހުން ބުނެފައި ވަނީ، މިއީ އުސޫލުތައް ހެދި ފަހުން މިހާތަނަށް ކޮށްފައިވާ އެންމެ ބޮޑު ޖޫރިމަނާ ކަމަށެވެ. އެތަނަށް ފުލުހުން ވަތް އިރު 200 އެއްހާ މީހުން ޖަނާޒާގައި ތިބިކަމަށެވެ. އަދި އެތަނުން އެއްވެސް މީހަކު ފުލުހުން ޖޫރިމަނާކޮށްފައި ނުވާނޭ ކަމަށާއި، މި އެއްވުން ބާއްވަން ހުއްދަ ދިން ހޮޓެލް ވަނީ 10،000 ޕައުންޑުން ޖޫރިމަނާކޮށް އަންނަ ޖެނުއަރީ މަހާއި ހަމަޔަށް އެއްވެސް އިވެންޓެއް ނުބޭއްވޭ ގޮތަށް ބަންދުކޮށްފައި ކަމަށް ފުލުހުންނާއި ހަވާލާދީ އެނޫހުން ވަނީ ރިޕޯޓުކޯށްފައެވެ.

މިހާރު ފެތުރެމުން އަންނަ ނުރައްކާތެރި ވައިރަސް ކޮވިޑް-19 އަކީ ފަސޭހައިން ގައިން ގަޔަށް އަރާ ބައްޔެއް ކަމުން، މި ދުވަސްވަރު އެއްވެސް ބޮޑު އެއްވުމެއް ބާއްވައި، އެހެނިހެން ވެސް މި ބަލި ފެތުރޭ ފަދަ ކަމެއް ކުރުން ވަނީ ގިނަ ގައުމުތަކުން މަނާކޮށްފައެވެ.