އީރާނުގެ ވެރިރަށް ތެހްރާނުގެ ހުރިހާ މިސްކިތްތަކާއި ސްކޫލްތަކުގެ އިތުރުން އާއްމުން ޙިދުމަތް ހޯދަން ދާ ތަންތަނާއި ޕާކުތައް ފަދަ ހުރިހައި ތަނެއް ހަފްތާ އެއްގެ މުއްދަތަށް ބަންދު ކޮށްފިއެވެ.

އެ ގައުމުގެ ހުރިހާ ކެފޭތަކާއި އެފަދަ ހުރިހާ ތަނެއް ހިމެނޭހެން ބަންދު ކޮށްފައި މިވަނީ އެ ސިޓީގައި ހަލުވިކަމާއި އެކު ވައިރަސް ފެތުރެމުން އަންނަ މި ދަނޑިވަޅުގައި ތެހްރާނުގެ ކޮވިޑް-19 ޓާސްކު ފޯހުގެ ވެރިޔާ މިފަދަ ތަންތަން ބަންދު ކުރުމަށް ގޮވާލުމާއި ގުޅިގެންނެވެ.

ޓާސްކު ފޯހުގެ ވެރިޔާ އެ ގައުމުގެ ސްޓޭޓް ޓީވީ އަށް ދިން އިންޓަވިއު އެއްްގައި ބުނެފައި ވަނީ މިހާރު މި ދާ ރޭޓުން ތެހްރާނުގައި ވައިރަސް ކޮންޓްރޯލް ނުކުރެވިއްޖަނަމަ ފައްސިވާ މީހުންގެ އަދަދު އެތައް ގުނައަކުން އިތުރުވެ، މަރުވާ މީހުންގެ އަދަދުވެސް އިތުރުވެގެން ދާނެ ކަމަށެވެ.

އީރާނުން މިހައިތަނަށް 468،119 މީހަކު ވައިރަހަށް ފައްސިވެފައި ވާއިރު، ވައިރަހުގެ ޝިކާރަ އަކަށްވެ 26،749 މީހަކު ވަނީ މަރުވެފައެވެ. ދާދި ފަހުން އެ ގައުމުގެ ރައީސް ހަސަން ރޫހާނީ ވިދާޅުވެފައި ވަނީ ބަލިވެގެން އުޅޭކަން އެނގިހުރެ އެކަން ސިއްރު ކުރާ މީހުންނަށް އެންމެ ހަރުކަށި އަދަބު ދެވިގެން ދާނެ ކަމަށެވެ.

މީގެ އިތުރުން، މަގުމަތީގައި މާސްކު ނާޅާ މީހުންނަށްވެސް އަދަބު ދޭން ނިންމާފައި ވާއިރު، ތެހްރާނުގެ ކޮވިޑްގެ ކަންކަން ބެލެހެއްޓުން ހަވާލުކޮށްފައިވާ ސަރުކާރުގެ މުވައްޒަފުން އެކަމުގައި ފަރުވާ ކުޑަކޮށްފި ނަމަ، އިންޒާރު ދިނުމުން ފެށިގެން 1 އަހަރުގެ މުއްދަތަށް ވަޒީފާ އިން ދުރުން ކުރަން ވަނީ ނިންމާފައެވެ. މިއީ ވައިރަސް ފެތުރުން ހުއްޓުވަން އެ ގައުމުގެ ސަރުކާރުން އަޅާފައިވާ އެންމެ ފަހުގެ ވަރުގަދަ ފިޔަވަޅުތަކެވެ.