ދުނިޔޭގެ 60 ގައުމެއްގައި ނަފްސާނީ ބަލި ހުންނަ މީހުން ގެންގުޅެމުން އަންނަނީ ހިލިހިލާ ޖަހައި، ކޮށިތަކުގައި ބަންދު ކޮށްގެން ކަމަށް ހިއުމަން ރައިޓްސް ވޮޗް (އެޗްއާރުޑަބްލިއު) ގެ ރިޕޯޓެއްގައި ބުނެފިއެވެ.

އެ ރިޕޯޓް އާންމު ކޮށްފައިވަނީ މިއަދު ފާހަގަ ކުރަމުން އަންނަ ބައިނަލްއަގްވާމީ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހާއި ގުޅިގެންނެވެ. ރިޕޯޓްގައި ވަނީ ދުނިޔޭގައި ނަފްސާނީ މައްސަލަތައް އޮތް މިންވަރާއި ނަފްސާނީ ބަލި މީހުންނާއި މެދު ކަންތައްތައް ކުރަމުން ގެންދާ ގޮތައް އަލިއަޅުވާލާފައެވެ.

ރިޕޯޓްގައި ބުނެފައިވާ ގޮތުގައި ނަފްސާނީ ބަލިތައް ތަހައްމަލް ކުރަމުން ގެންދާ ގިނަ މީހުން އަދިވެސް ގެންގުޅެމުން އަންނަނީ ތޮއްޖެހިފައިވާ ނުވަތަ ހަޑިމުޑުދާރުކޮށް ހުންނަ ކޮޓަރިތަކާއި، ކޮށިތަކުގެ އިތުރުން ޖަނަވާރުން ގެންގުޅޭފަދަ ތަންތަނުގައެވެ. އަދި އެފަދަ ފަރާތްތަކުން ކެއުން ބުއިމުގެ އިތުރުން ނިދުމާއި ފާހަނާ ކުރަންވެސް ޖެހެނީ އެތަނަކަށެވެ. އެކަން ކުރުމަށް ވަކި ސަރަހައްދެއް ނުހުރެއެވެ.

މިފަދަ ފަރާތްތަކުން ހިލިހިލާ ޖަހާފައިވަނީ އެމީހުންގެ އާއިލާ މީހުން ނުވަތަ އެމީހުންނާއި ހަވާލުވެގެން ތިބޭ އިދާރާތަކުގެ މީހުން ކަމަށްވެސް ރިޕޯޓްގައި ވަނީ ބުނެފައެވެ.

ހިލިހިލާ ޖެހުމަކީ ނަފްސާނީ ބަލި ހުންނަ ފަރާތްތައް ހަންމަތަ ކުރަން ބައެއް ގައުމުތަކުގައި ވަރަށް ކުރީ ޒަމާނުން ފެށިގެން ކުރަމުން އަންނަ ކަމަކެވެ. ހިލިހިލާ ޖެހުމުގައި ޗޭނު، ރޯނު ބޭނުން ކުރަމުން އާދެއެވެ. ރިޕޯޓްގައި ބުނާ ގޮތުން ހިލިހިލާ ޖަހާފައިވަނީ އެއްވެސް ވަރަކަށް ބަލި މީހުންގެ ސިއްހީ ހާލަތަކަށް ބެލުމެއް ނެތިއެވެ.

މިގޮތަށް ކަންތައް ކުރުމުން އެފަދަ ފަރާތްތަކުގެ ނާރުތަކަށާއި ހަށިގަނޑަށް ޖިސްމާނީ އެތައް ގެއްލުމެއްވެ، ހަށިގަނޑުގެ މަސްތަކަށާއި އެކި ކަހަލަ އިންފެކްޝަންސްތައް ދިމާވާނެ ކަމަށް ރިޕޯޓްގައި ވަނީ ބުނެފައެވެ.

މި ރިޕޯޓް ތައްޔާރު ކުރުމަށް އެޗްއާރުޑަބްލި އިން ވަނީ 110 ގައުމެއްގައި ނަފްސާނީ ބަލި ހުންނަ 350 މީހުންނާއި އިންޓަވިއު ކޮށްފައެވެ. އޭގެ ތެރޭގައި ކުޑަކުދިންވެސް ހިމެނެއެވެ.

ރިޕޯޓްގައި ބުނާ ގޮތުން ނަފްސާނީ ބަލި މީހުންގެ ގައިގަ ހިލިހިލާ ޖަހައިގެން ކޮށިތަކުގައި ބަންދުކޮށްގެން ގެންގުޅުން އެންމެ ބޮޑަށް ފާހަގަވެފައިވަނީ އެފްރިކާގެ ސަރަހައްދާއި އޭޝިއާ ސަރަހައްދުގެ އިތުރުން އެމެރިކާގައެވެ.

60 ގައުމުގެ ތެރޭގައި ހިމެނޭ 24 ގައުމަކީ އެފްރިކާގެ ސަރަހައްދަށް ނިސްބަތްވާ ގައުމުތަކެވެ. 48 ގައުމަކީ ކުރިއަރަމުން އަންނަ ގައުމުތަކެވެ. ލިސްޓްގައި ހިމެނިފައިވާ ގައުމުތަކުގެ ތެރޭގައި ދުނިޔޭގެ އެންމެ ފަގީރު މީހުން ދިރިއުޅެމުން އަންނަ ލައިބީރިއާ، މޮޒަމްބިކިއު، ސިއެރާ ލިއޯން އަދި ޔަމަން ހިމެނެއެވެ.