ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އެންމެ އިސްކޮށް މަސައްކަތް ކުރާ އެމެރިކާގެ ސައިންސްވެރިޔާ ޑރ.އެންތަނީ ފައުޗީ އަކީ "ގަމާރެއް" ކަމަށާއި އަދި އޭނާގެ ސަބަބުން އެމެރިކާ އަށް ބޮޑު "މުސީބާތެއް" ކުރިމަތިވެފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.

ޓްރަމްޕް، ފައުޗީ އަށް ބަހުގެ ހަމަލާތަކެއް ދިނީ ޓްރަމްޕްގެ ކެމްޕޭން ޓީމަށް ކުރި ފޯން ކޯލެއްގައެވެ. ކޯލްގެ ރެކޯޑިން މިހާރު ވަނީ ލީކް ވެފައެވެ. "އެމެރިކާގެ ހާލަތު ގޯސްވަމުން ދަނީ މުޅިން ވެސް ކޮސްކަންތައް ކުރަމުން އަންނަ މިފަދަ މީހުންގެ ސަބަބުން. އެމީހުންގެ ވާހަކަތައް އަޑުއަހައިއަހައި ރައްޔިތުން މިހާރު ވަރުބަލިވެއްޖެ." ޓްރަމްޕް ބުންޏެވެ.

ފައުޗީ އަކީ އެމެރިކާގެ ނޭޝަނަލް އިންސްޓިއުޓް އޮފް އެލާޖީ އެންޑް އިންފެޝަސް ޑިސީސްގެ ޑިރެކްޓަރެވެ. އޭނާ އަންނަނީ 1984 ވަނަ އަހަރުން ފެށިގެން އެމަގާމު ފުރުއްވަމުންނެވެ. ފައުޗީ މަގާމުގައި ހުންނަވާތާ ގިނަ ދުވަސްތަކެއް ވެފައި ވާތީ ޓްރަމްޕް ވަނީ އެކަމަށް ވެސް ފާޑުކިޔާފައެވެ. ޓްރަމްޕް ބުނީ "އޭނާ މިތާންގައި އުޅޭތާ މިހާރު 500 އަހަރު ވެއްޖެ" ކަމަށެވެ.

ކޮވިޑް-19 ކޮންޓްރޯލް ކުރުމާއި ގުޅޭ ގޮތުން އެމެރިކާ އިން އަޅާނެ ފިޔަވަޅުތައް ނިންމުމަށް ވައިޓް ހައުސް އިން އެކުލަވާލާފައިވާ ޓާސްކްފޯސްގައި ވެސް ފައުޗީ އިންނަވައެވެ. ނަމަވެސް ފުރަތަމަ ދުވަހުން ފެށިގެން ވެސް ފައުޗީ އާއި ޓްރަމްޕްގެ ހިޔާލު ގިނަ ކަންކަމުގައި ވަރަށް ބޮޑަށް ތަފާތެވެ.

ޓްރަމްޕް އާއި ފައުޗީގެ ގުޅުން މާބޮޑަށް މިހާރު ގޯސްވެފައި ވަނީ ފައުޗީ ކޮވިޑް-19 އާއި ގުޅޭ ގޮތުން ދެއްކި ވާހަކަތަކެއް އެޑިޓް ކޮށްގެން ޓްރަމްޕްގެ ކެމްޕޭންގައި އެކްލިޕްތައް ބޭނުން ކުރުމުންނެވެ. ޓްރަމްޕްގެ ކެމްޕޭންގައި ފައުޗީގެ ވާހަކަތަކެއް ދެއްކުމުން އޭނާ ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފައެވެ.

ޓްރަމްޕް ފައުޗީ އަށް ފާޑުކިޔައި ދައްކާފައިވާ ވާހަކަތަކުގެ އޯޑިއޯ ލީކް ވުމުން ޓްރަމްޕް ވަނީ ޓްވިޓާގައި ވެސް ފައުޗީ އަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މުރަނގަގަހުން މާލިމީ ބޭލި ހަސަންކޮއި

    އަސްލަށް ޓްރަމްޕް އެބުނީ އެއީ އޭނާ ދެކޭގޮތް. ނަމަވެސް ހަގީގަތަކީ މުޅިން އެހެން އެއްޗެއް. ދިމާ އިދިކޮޅު. ޓްރަމްޕު ޓްރަމްޕަށް ވަނީ ވެސް ގަމާރު ކަމުން. އޭނާ ވެރިޔަކަށް ހޮވަން އުޅޭ މީހުން ހަމަވާނެތަ؟ ދިވެހިންގެ ތެރޭގައިވެސް އުޅޭއުޅުމުގައި ޓްރަމްޕާއި ވަރަށް އެއްގޮތް މީހުން ގިނަ..އެމީހުންގެ ނަން ނުލިޔުނަސް ހިތަށް ތިއެރީ މިފަހަރު ރަނގަޅަށް. ގުޑް

    12
    1
  2. ސަމަދުބެ ގޯތި އަބްދުﷲ

    ޓުރަމްޕު އެއީ މާތް ބޭފުޅެއް. އެމަނިކުފާނު ބުނުއްވައިފިއްޔާ އެވާނީ ތެދަކަށް

    4
    5