ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ގެ ނުރައްކާ އިތުރުވުމާއި ގުޅިގެން ޖަރުމަންވިލާތް ހަރުކަށި ފުރަބަންދުގެ ހާލަތު އިއުލާނުކޮށްފިއެވެ.

މިކަން ހާމަކޮށް ޖަރުމަންވިލާތުގެ ސަރުކާރުގެ ވެބްސައިޓެއްގައި ވަނީ އާ އުސޫލުތައް އިއުލާނުކޮށްފައެވެ. މި ފުރަބަންދަށް އަމަލު ކުރަން ފަށާފައި ވަނީ އިއްޔެ އެވެ.

ޖަރުމަންވިލާތުގައި އިއުލާނުކުރި ފުރަބަންދުގެ އާ އުސޫލުތައް ބުނާގޮތުން، ފުރަބަންދުގެ މުއްދަތު ހަމަވަންދެން އެޤައުމުގައި ރެސްޓޯރެންޓުތަކާއި ބާ ތަކާއި އެނޫންވެސް އެފަދަ ތަންތަން އަދި ހިތްފަސޭހަ މައިޒާންތައް ހުޅުވުން މަނާވާނެއެވެ. އަދި ބައެއް ކަހަލަ ތަކެތި ވިއްކާ ފިހާރަތަކާއި ވިޔަފާރިތައްވެސް މި ފުރަބަންދުގައި ހިންގުން ވަނީ މަނާކޮށްފައެވެ.

މީގެ އިތުރުން ޖިމްތަކާއި އާންމު ސްވިމިން ޕޫލްތަކާއި މަސާޖްކުރާ ތަންތަނާއި ސެލޫންތައްވެސް އެޤައުމުގައި މިހާރު ވަނީ ބަންދުކޮށްފައެވެ. ހަމަ އެހެންމެ ހޮޓެލްތަކަށް ބޭރުން ދަތުރުކުރާ ފަތުރުވެރިން ގެންދިއުންވެސް މި ދަނޑިވަޅުގައި ވަނީ ހުއްޓުވާފައެވެ.

މި ފިޔަވަޅުތަކާއެކު ޖަރުމަންވިލާތުގައި ފުރަބަންދު އިއުލާނުކޮށްފައި ވަނީ އަންނަ ޑިސެމްބަރު މަހާއި ހަމައަށެވެ.

ޖަރުމަންވިލާތުގެ އިދާރާތަކުން ބުނެފައިވާ ގޮތުން ފުރަބަންދުގެ މުއްދަތުގައި އެޤައުމުގެ އާންމު ތަންތަނުގައި މާސްކު އެޅުން މަޖުބޫރުވާނެއެވެ. އަދި އާންމު ތަންތަނުގައި ދިހަ މީހުންނަށް ވުރެ ގިނަ މީހުން އެއްވެސް އުޅުމަކީވެސް މަނާ ކަމެކެވެ.

ކޮވިޑް-19 ގެ ނުރައްކާ ކުޑަ ކުރުމުގެ ގޮތުން ޖަރުމަންވިލާތުގައި އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން ރޭގަނޑުގެ 8:00 އިން ފެށިގެން ހެނދުނު 6:00 އާއި ހަމައަށް މަޤުބޫލު އުޒުރެއް ނެތި ބޭރުގައި ނޫޅުމަށްވެސް ވަނީ އަންގާފައެވެ.

ފާއިތުވެދިޔަ ދުވަސްތަކުގައި ޖަރުމަންވިލާތަށް ކޮވިޑް-19 ގެ ނުރައްކާ އިންތިހާއަށް އިތުރުވެގެން ގޮސްފައި ވާއިރު، އެޤައުމުގައި ބަލި ފެތުރޭ މިންވަރު ވަނީ ރެކޯޑް މިންވަރަކަށް އިތުރުވެފައެވެ. އަދި އެޤައުމުން ހޮސްޕިޓަލުގައި ފަރުވާދޭން ޖެހޭ މީހުންގެ އަދަދުތައް އިތުރުވެ، ޖާގައިގެ ދަތިކަންވެސް ވަނީ ކުރިމަތިވާން ފަށާފައެވެ.

ކޮވިޑް-19 ގެ މަޢުލޫމާތުތައް ހާމަކުރާ އިދާރާތަކުން ބުނެފައިވާ ގޮތުން ޖަރުމަންވިލާތުން އިއްޔެ އެކަނިވެސް ހަތްހާހާއި ގާތްކުރާ އަދަދަކަށް މީހުން ހިމެނޭހެން މިހާތަނަށް ބައި މިލިއަނަށްވުރެ ގިނަ މީހުން ވަނީ ފައްސިވެފައެވެ. އޭގެ ތެރެއިން މިހާތަނަށް ދިހަ ހާހަށްވުރެ ގިނަ މީހުން މަރުވެފައި ވެއެވެ.

ޖަރުމަންވިލާތް ހިމެނޭހެން މިހާރު ޔޫރަޕުގެ ޤައުމުތަކަށް އަރަމުން ދަނީ ކޮވިޑް-19 ގެ ދެވަނަ ރާޅެއް ކަމަށް ސިއްޙީ މާހިރުން ވިދާޅުވެއެވެ. އަދި މި ރާޅުގައި ޤައުމުތަކަށް ކުރިޔަށްވުރެ ނުރައްކާ ބޮޑުވެދާނެކަމުގެ އިންޒާރުވެސް އެފަރާތްތަކުން ވަނީ ދީފައެވެ.