އުރުތު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން އާއިއެކު ސިންގަޕޫރުގައި ބާއްވަން އުޅުނު ބަދަލުވުން، އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަންޕް ކެންސަލް ކޮށްފިއެވެ.

ޓްރަންޕް ވަނީ އުރުތު ކޮރެއާގެ ލީޑަރު ކިމް އަށް ސިޓީއަކުން މިކަން އަންގާފައެވެ. މި ސިޓީ މިހާރު ވައިޓް ހައުސް އިން ވަނީ އާންމުވެސް ކޮށްފައެވެ. މިއާއެކު އުތުރު ކޮރެއާ އާއިއެކު ސުލްހަވުމަށް ކުރަމުން އައި މައްސަކަތަށް ހިޔަނި އެޅިދާނެ ކަމަށް މަސްރަހު ދިރާސާ ކުރާ ފަރާތް ތަކުން ވަނީ ބުނެފައެވެ.

ޓްރަންޕްގެ ސިޓީގައި ވަނީ އުުތުރު ކޮރެއާގެ ލީޑަރު ސަމިޓާއި ގުޅިގެން ދެއްކެވި ވާހަކަތަކާއި ގުޅިގެން މި ވަގުތު އުތުރު ކޮރެއާގެ ލީޑަރާއި ބައްދަލު ކުރަން ބޭނުން ނުވާކަމަށް ބުނެފައެވެ. ޓްރަމްޕް ވަނީ މީގެ ކުރިން ކިމްއާ އެކު ބައްދަލުވުން ބޭއްވުމުގެ ކުރިން އުތުރު ކޮރެއާއިން ވަކި ޝަރުތުތަކެއް ފުރިހަމަ ކުރަން ޖެހޭ ކަމަށް ބުނެފައެވެ. އަދި އެ ޝަރުތުތައް ފުރިހަމަ ނުކޮށްފިނަމަ ބައްދަލުވުން ލަސް ކުރާނެ ކަމަށް ޓްރަމްޕް ބުނެފައިވެއެވެ.

އުތުރު ކޮރެއާއިން ވެސް ވަނީ އެމެރިކާ އިން ބިރު ދެއްކުމުގެ އިންޒާރުތައް ދޭނަމަ ސަމިޓް ކެންސަލްކޮށްފާނެ ކަމުގެ އިންޒާރުތައް ކުރިން ދީފަ އެވެ.

ފާއިތުވި ހަފްތާތަކުގެ ތެރޭގައި އުތުރު ކޮރެއާއިން ވަނީ އެގައުމުގެ ނިއުކްލިއާ ހަތިޔާރު ނައްތާލުމާ ބެހޭ ގޮތުން ހިޔާލު ބަދަލުވެފައިވާ ކަމަށް ދޭހަވާ ގޮތަށް ވާހަކަ ދައްކައިފަ އެވެ.

ޓްރަމްޕާއި ކިމްގެ ސަމިޓް ބާއްވަން ނިންމާފައި އޮތީ އަންނަ މަހު 12 ވަނަ ދުވަހު ސިންގަޕޫރުގަ އެވެ.

އުތުރު ކޮރެއާއިން ސުލްހައަށް މަސައްކަތްކުރާނޭކަން އިއުލާންކޮށްފައިވާއިރު އެގައުމުން ވަނީ ނިއުކްލިއަރ ޓެސްޓުތައް ކުރިއަށްގެންދިޔުންވެސް ހުއްޓާލާނޭކަމަށް އިއުލާންކޮށްފައެވެ.

މި ނިންމުންތަކަށް ދުނިޔޭގެ އެކި ގައުމުތަކުން މަރުހަބާ ކީއިރު ދެ ކޮރެއާގެ ލީޑަރުންގެ ދެމެދުގައި ބޭއްވޭ މި ބައްދަލުވުންތަކަކީ ދެ ގައުމުގެ ދެމެދުގައި ސުލްހަ ގާއިމުކުރެވިދާނޭކަމުގެ އެންމެ ބޮޑު އެއް ހެކިކަމަށް ބައިނަލްއަގްވާމީ މަސްރަހު ދިރާސާކުރާ ފަރާތްތަކުން ވަނީ ހާމަކޮށްފައެވެ.