ސައުދީ އަރަބިއާގެ ވަޔާއި ކަނޑާއި އެއްގަމުގެ ބޯޑަރުތައް ބަންދުކޮށްފައި އޮންނަ މުއްދަތު އެގައުމުން އަނެއްކާވެސް އިތުރުކޮށްފިއެވެ.

އެގައުމުގެ ބޯޑަރުތައް ބަންދުކޮށްފައިވަނީ އިތުރު ހަފްތާއަކަށް ކަމަށް އެގައުމުގެ ސަރުކާރާއި ހަވާލާދީ ނޫސްތަކުން ވަނީ ބުނެފައެވެ.

ކޮވިޑް-19ގެ އާ ވައްތަރެއް އިނގިރޭސިވިލާތުން ފެނުމާއި ގުޅިގެން ސައުދީން އެގައުމުގެ ބޯޑަރުތައް މިދިޔަ ހޯމަ ދުވަހު ވަނީ ބަންދު ކޮށްފައެވެ. މި މުއްދަތު ހަފްތާއަކަށް އިތުރު ކޮށްފައިވަނީ އެ ބަލި އިތުރު ގައުމުތަކުންވެސް މިހާރު ފެނިފައިވާތީއެވެ.

ސައުދީގެ ބޯޑަރު ބަންދު ކުރި ނަމަވެސް، ކާގޯ އާއި އިމަޖެންސީގެ ހާލަތުގައި ފްލައިޓްތަކުން އަންނަ ފަރާތްތަކަށް ހުއްދަ ދެވޭނެ ކަމަށެވެ. އަދި އެގައުމުގައި ތިބޭ އެހެން ގައުމުތަކުގެ މީހުންނަށްވެސް ފުރައިގެންވެސް ދުވޭނެ ކަމަށް ވަނީ ބުނެފައެވެ.

އިނގިރޭސިވިލާތުން ކޮވިޑް-19ގެ އާ ވައްތަރެއް ފެނުމާއި ގުޅިގެން ގިނަ ގައުމުތަކުން ވަނީ ގައުމުތަކަށް އެތެރެވުން މަނާ ކޮށްފައެވެ. ބަލީގެ މި ވައްތަރު ފެނިފައިވަނީ އިގިރޭސިވިލާތް، ޖަޕާން، ފްރާންސް، އިޓަލީ، ނެދެލޭންޑްސް، ޑެންމާކު، ސްވެޑެން، އޮސްޓްރޭލިއާ އަދި ޖަރުމަނުންނެވެ.

އިނގިރޭސިވިލާތަކީ މިހާތަނަށް ދުނިޔެއިން 6 ވަނަ އަށް އެންމެ ގިނަ މީހުން ފައްސިވެފައިވާ ގައުމެވެ. އެގައުމުން މިހާތަނަށް 2،288،345 މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާއިރު، 70،752 މީހަކު ވަނީ ބަލި ޖެހިގެން މަރުވެފައެވެ. އެގައުމުން މި ބަލި ޖެހިގެން ރަނގަޅުވެފައިވާ މީހުންގެ އަދަދާއި ފަރުވާ ދެމުން އަންނަ މީހުންގެ އަދަދެއް ހާމަ ކޮށްފައެއް ނުވެއެވެ. އެހެން ނަަމވެސް 1،529 މީހަކަށް އައިސީޔޫގައި ފަރުވާ ދެމުން އަންނަ ކަމަށް މީޑިއާތަކުން ވަނީ ރިޕޯޓް ކޮށްފައެވެ.