ޖަޕާނަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ އެވެ.

އެ ގައުމުގެ އިރުއުތުރު އައްސޭރި ފަށަށް 7.2 މެގްނެޓިއުޑް ބާރުމިނުގައި އައި މި ބިންހެލުމާއެކު މިހާރު ވަނީ ސުނާމީގެ އިންޒާރު ނެރެފައެވެ.

ޖަޕާނުގެ މޫސުމާއި ބެހޭ އިދާރާއިން ބުނެފައިވަނީ މި ބިންހެލުން އައިސްފައވަނީ 60 ކިލޯ މީޓަރު ބިމު އަޑިން މިޔަގީގެ އައްސޭރި ކައިރިންނެވެ. މި ބިންހެލުމުގެ ސަބަބުން ޓޯކިޔޯއަށްވެސް ކޮންމެވެސް ކަހަލަ ލޮޅުންތަކެއް ވަނީ އަރާފައެވެ.

މި ބިންހެލުމުގެ ސަބަބުން ސުނާމީގެ އިންޒާރު ދީފައިވާއިރު، އެގައުމުގެ ބައެއް ސަރަހައްދުތަކަށް މިހާރުވެސް ބޮޑެތި ރާޅު އަރަމުން އަންނަ ކަމަށް މީޑިއާތަކުން ވަނީ ރިޕޯޓް ކޮށްފައެވެ. އެގޮތުން އެންމެ ފުރަތަމަ ނެގި ރާޅުގެ އުސްމިނުގައި 3.2 ފޫޓު ހުރި ކަމަށްވެސް ވަނީ ރިޕޯޓް ކޮށްފައެވެ.

އެގައުމުގެ ކަމާއި ބެހޭ އިދާރާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި މި ބިންހެލުމުގެ ސަބަބުން މިހާތަނަށް އެއްވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައެއް ނުވެއެވެ. އެހެން ނަމަވެސް ބައެއް ސަރަހައްދުތަކުގެ 200 ވަރަކަށް ގެތަކުން ކަރަންޓް ކެނޑިފައިވާ ކަމަށް ވަނީ ރިޕޯޓް ކޮށްފައެވެ.