މަސްޖިދްލް ނަބަވީގައި މިއަހަރު ތަރާވިހް ނަމާދު ކުރާނެކަން ސައުދީ އަރަބިއްޔާގެ ކަމާއި ބެހޭ ފަރާތްތަކުން ކަށަވަރު ކޮށްދީފިއެވެ.

ސައުދީ ޕްރެސް އެޖެންސީން ރިޕޯޓުކޮށްފައިވަނިީ މަސްޖިދުލް ނަބަވީގައި ކޮވިޑް-19ގެ ސަލާމަތީ ގަވާއިދު ތަކާއި އެކު މީހުން ނަމާދު ކުރުމަށް ހުޅުވާލާ އެ މިސްކިތުގައި ތަރާވީހް ނަމާދު ކުރާނެ ކަމަށެވެ. މި މިސްކިތުގައި އެއްފަހަރާ 60،000 މީހުންނަށް ނަމާދު ކުރެވޭނެހާ ޖާގަ އޮންނާނެއެވެ.

ސައުދީ އޮތޯރިޓީސްގެ ރިޕޯޓުގައި ބުނެފައިވަނީ ތަރާވީހް ނަމާދު ނިމި ގަޑިއެއްގެ އިރު ފަހުން މިސްކިތް ބަންދު ކުރެވޭނެ ކަމަށެވެ. ދެން މިސްކިތް ހުޅުވާލެވޭނެ ކަމަށް ބުނެފައިވަނީ ފަތިސް ނަމާދުގެ ދެ ގަޑި އިރު ކުރިންނެވެ.

ރަމަޟާން މަހުގެ ފަހު ދިހައިގެ ދުވަސްތަކުގައި ހުރިހާ ވަގުތެއްގައި މަސްޖިދުލް ނަބަވީ ހުޅުވިފައި ހުންނާނެ ކަމަށް ސައުދީ ރިޕޯޓު ތަކުގައި ވެއެވެ.

ސައުދީ އަރަބިއްޔާގައި ރަމަޟާން މަހާއި ގުޅިގެން ކޮވިޑް-19ގެ ހަރުކަށި ފިޔަވަޅު ތަކަށް ލުއި ދިން ނަަމަވެސް، ގިނަ މީހުން އެއްވެ ނޫޅުމަށް ވަނީ އިލްތިމާސް ކޮށްފައެވެ. ކޮވިޑް-19 ގެ ރިސްކު ބޮޑު ވުމުގެ ސަބަބުން، ހާއްސަކޮށް އުމުރުން ދުވަސްވީ މީހުންނާއި ދާއިމީ ގޮތެއްގައި ބައްޔަކަށް ފަރުވާ ކުރަމުންދާ މީހުންނަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ވަނީ ގޮވާލައިފައެވެ.

ރަމަޟާން މަހަށް ހާއްސަކޮށް ދުބާއީގައި ވަނީ މިސްކިތް ތަކުގައި ތަރާވީހް ނަމާދު ކުރާ ގޮތަށް ހަމަޖެހިފައެވެ. އެހެން ނަމަވެސް ދުބާއީގައި ހަދާފައިވާ ކޮވިޑް-19 ގަވާއިދު ތަކުގެ ތެރެއިން 30 މިނެޓަށް ވުރެ ތަރާވީހް ނަމާދު ދިގު ނުކުރެވޭނެ ކަމަށް ވެއެވެ.