މިއަދު މެންދުރު އިރު ހުންނާނީ ކައުބަތުﷲގެފުޅާ ސީދަލަށެވެ.

ސައުދީގެ ޖިއްދާގައި ހުންނަ އެސްޓްރޮނިމިކަލް ސޮސައިޓީން ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނީ މިއަދު މެންދުރު ސައުދީ ގަޑިން 12:18 ގައި އިރު ހުންނާނީ ގެފުޅާއި ސީދަލަށް ކަމަށެވެ.

އެއީ ރާއްޖޭގެ ގަޑިން މެންދުރު ދެ ގަޑި ބައިގަ އވެވެ.

އެ ސޮސައިޓީން އިތުރަށް ބުނީ އިރު ހުންނާނީ ވެސް ގެފުޅު މަތިން 90 ޑިގްރީއަށް ކަމަށާއި އަދި ގެފުޅުގެ ހިޔަނި ކުޑަވަގުތު ކޮޅަކަށް ގެއްލޭނެ ކަމަށެވެ.

ގެފުޅު ހުންނަނީ ޓްރޮޕިކް އޮފް ކެންސާއާއި އީކުއޭޓާއާ ދެމެދު އެވެ. މޭ މަހު އީކުއޭޓާއިން ޓްރޮޕިކް އޮފް ކެންސާއަށް ދަތުރުކުރާތީ އިރު ގެފުޅާ ސީދާވަނީ ކަމަށް އެސްޓްރޮނިމިކަލް ސޮސައިޓީއިން ބުނެއެވެ.

މި ގޮތަށް އަހަރަކު ދެ ފަހަރު ވާކަމަށް ވެސް އެ ސޮސައިޓީން ބުނެއެވެ. ނަމަވެސް އެކަން މި އަހަރު ދިމާވާ މިއީ ފުރަތަމަ ފަހަރެވެ.

މިއަށް އިނގިރޭސި ބަހުން ކިޔައި އުޅެނީ "ޒީރޯ ޝެޑޯ ފިނޯމެނަން" އެވެ.

އެ މަންޒަރު ސައުދީގެ ބިން ތިރި ސަރަހައްދުތަކަށް ވަރަށް ރީއްޗަށް ފެންނާނެކަމަށް އެސްޓްރޮނިމިކަލް ސޮސައިޓީން ބުނެއެވެ. ނަމަވެސް އުސް ހިސާބުތަކުގައި ދިރިއުޅޭ މީހުންނަށް އެ މަންޒަރު ފެންނަ ވަގުތު ކުޑަކޮށް ތަފާތު ވެދާނެ ކަމަށް ވެސް ބުނެފައި ވެއެވެ.

އެސްޓްރޮނިމިކަލް ސޮސައިޓީން ފޭސްބުކްގައި ކުރި ޕޯސްޓު ވަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލްވެފަ އެވެ. އަދި އެ މަންޒަރު ބަލާލަން ބޭނުންވާ ކަމަށް ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ވަނީ ބުނެފަ އެވެ.