މި ރޯދަ މަހުގެ 27 ވިލޭރޭ ފަލަސްތީން މުސްލިމުން މުސްލިމުންގެ ތިން ވަނަ އެންމެ މުގައްދަސް ހަރަމްފުޅު ކަމަށްވާ މަސްޖިދުލް އަގްސާ ފުރާލައި، އެ ތަނުގައި ރޭ އަޅުކަންކޮށްފިއެވެ.

ލައިލަތުލްގަދުރި ވިލޭރޭ ހޯދުމަށް ފަހު ދިހައިގެ ދުވަސްތަކުގައި ދުނިޔޭގެ އެކިކަންކޮޅުތަކުގައި މުސްލިމުން ރެއާއި ދުވާލު އަޅުކަން ކުރެއެވެ. އެގޮތުން މުސްލިމުން އެންމެ ގިނަ އެއް ގައުމު ކަމަށްވާ ފަލަސްތީނުގެ އެތައް ބަޔަކު ވަނީ ނަމާދުކޮށް، ގުރުއާން ކިޔަވާއި ޒިކުރު ކުރުމަށް އަގްސާ މިސްކިތަށް ގޮސްފައެވެ.

އަގްސާ މިސްކިތުގައި ފަލަސްތީނުގެ މުސްލިމުން އަޅުކަން ކުރަނީ.

ރިޕޯޓުތައް ބުނާ ގޮތުގައި އަގްސާ މިސްކިތަށް ރޭ އެކަނި ވެސް 280،000 އަށް ވުރެ ގިނަ މީހުން ދިޔައެވެ. އެތަނަށް ދިޔަ މީހުން ބުނީ ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތައް ދޫކޮށް ނުލާނެ ކަމަށާއި މިނިވަންކަމާއި އިންސާފާއި ހަމަހަމަކަމަށް އެދެމުން ގެންދާނެ ކަމަށެވެ.

އަދި ސުލްހަވެރިކަމާއެކު ދުއާ ކުރުމަކީ ހަމަނުޖެހުން ތަކަށް ދެކޮޅު ހެދުމުގެ އެންމެ ރަނގަޅު ގޮތް ކަމަށް ވެސް މިސްކިތަށް ޖަމާވި ބައެއް މީހުން ބުންޏެވެ.

އަގްސާ މިސްކިތުގެ ބޭރުގައި މުސްލިމުން ރޭ ނަމާދު ކުރަނީ.

މަސްޖިދުލް އަގްސާ އަށް އިސްރާއީލްގެ ހައްދުފަހަނަ އަޅާފައިވާ ފުލުހުންނާއި ސިފައިން ދާދި ފަހުން ވަދެ، އެމީހުން ވަނީ އެ ތަނުގެ ހުރުމަތް ކަނޑައި މިސްކިތުގައި ނަމާދު ކުރަން ތިބި އެތައް ބަޔަކަށް އަނިޔާކޮށް ބައެއް މީހުން ހައްޔަރުކޮށްފައެވެ.

އިސްރާއީލްގެ އަސްކަރިއްޔާ އިން ވަނީ ކަރުނަ ގޭހާއި ރަބަރު ވަޒަން ފަދަ ހަތިޔާރުތައް ބޭނުންކޮށްގެން އަގްސާ މިސްކިތުން މުސްލިމުން ފޮނުވާލައިފައެވެ. އަދި މިސްކިތް ދޫކޮށް ދާން ދެކޮޅު ހެދި މީހުންގެ ގައިގައި މުގުރު ބުރިން ތަޅައި ވަރަށް ބޮޑަށް ވަނީ އަނިޔާކޮށްފައެވެ.

މި ހަމަނުޖެހުންތަކާ ގުޅޭ ގޮތުން ފަލަސްތީނުގެ ބޮޑުވަޒީރު މުހައްމަދު ޝަތިއްޔާ ވިދާޅުވީ އެއީ އިސްރާއީލް ސިފައިން ހިންގި ބޮޑު ޖަރީމާއެއް ކަމަށެވެ. އަގްސާ މިސްކިތުގައި އަޅުކަން ކުރުމަކީ އިސްރާއީލް ސިފައިންގެ ހުއްދަ ހޯދަންޖެހޭ ކަމެއް ނޫން ކަމަށާއި، އެ ތަނުގައި އަޅުކަން ކުރުމަކީ ފަލަސްތީން ރައްޔިތުންނަށް ލިބިގެންވާ ހައްގެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.