ތުރުކީގައި ކޮވިޑް-19 ގެ ހާލަތު ގޯސްވަމުންދާތީ އެ ބައްޔާ ދެކޮޅަށް އަޅާފައި ހުރި ފިޔަވަޅުތައް ވަރުގަދަ ކުރަން ނިންމައިފިއެވެ.

އެގޮތުން އަންނަ ބުރާސްފަތި ދުވަހުން ފެށިގެން މެއި މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ތުރުކީ ފުރަބަންދު ކުރަން ނިންމާފައިވާ ކަން އެ ގައުމުގެ ރައީސް ތައްޔިބް އުރުދުގާން ވަނީ އިއުލާން ކުރައްވައިފައެވެ. އެއާއެކު، ރައްޔިތުން އެ މުއްދަތުގައި ގިނަ ވަގުތު ހޭދަކުރަން ޖޭހޭނީ ގޭގައެވެ.

ތުރުކީން ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 37,312 މީހުން ކޮވިޑަށް ފައްސި ވެފައިވާ އިރު އެ ބަލީގައި 353 މީހުން މަރުވެފައިވެއެވެ. އެގައުމުގެ ހެލްތް މިނިސްޓްރީގެ ހިސާބުތަކުން ދައްކާ ގޮތުން މި އޭޕްރީލް މަހުގެ މެދުތެރޭގައި ކޮވިޑް ފެތުރޭ މިންވަރު މަދެވެ. ނަމަވެސް، ދުނިޔެ އަށް ބަލާއިރު ހަ ވަނައަށް އެންމެ ގިނައިން މީހުން ކޮވިޑަށް ފައްސިވާ ގައުމަކަށް ވެފައިވަނީ ތުރުކީއެވެ.

ހޯމަ ދުވަހު ބޭއްވި ކެބިނެޓް ބައްދަލުވުމަށް ފަހު އިއުލާން ކުރ ކޮވިޑާ ދެކޮޅު ހަރުކަށި ފިޔަވަޅުތަކުގެ ތެރޭގައި ތުރުކީގެ އެތެރޭގެ ދަތުރުތައް ކުރާނަމަ ވަކި ހުއްދައެއް ބޭނުންވެެއެވެ. އަދި ސުކޫލުތައް ބަންދުކޮށް ކިޔެވުން އޮންލައިން ކޮށް ކުރިޔަށް ގެންދާ ގޮތަށް ހަމަޖެހުމުގެ އިތުރުން ދަތުރުފަތުރުގެ ނިޒާމު ބޭނުންކުރާ މީހުންގެ އަދަދު ލިމިޓް ކުރުމުގެ ގަވާއިދެއް ކަނޑައެޅިފައިވެއެވެ.

ކޮންމެހެން ބޭނުންވެއްޖެ ހާލަތެއްގައި މެނުވީ ގެއިން ބޭރަށް ނުދިއުމަށް ތުރުކީގެ ރައްޔިތުންނަކަށް އަމުރެއް ނެތެވެ.

ތުރުކީގައި ހަރުކަށި ކުރެވުނު ފިޔަވަޅުތައް ބައްޓަން ކުރެވިފައިވަނީ ރޯދަ މަސްތެރޭގައި އާއި އީދު ތެރޭގައި އާއިލާ އާއި ރަހުމަތްތެރިން އެއްވެ އުޅުން ހުއްޓުވުމަށެވެ. މިދުވަސްވަރު ގިނަ ބަޔަކު އެއްވެ އުޅުމަކީ ރައްކާތެރި ގޮތަކަށް ނުވެއެވެ.

ތުރުކީގައި މިހާތަނަށް އަށް މިލިއަން މީހުންނަށް ކޮވިޑް ވެކްސިނުގެ ދެ ޑޯޒް ދީފައިވެއެވެ.