ޑިމޮކްރަޓިކް ރިޕަބްލިކް އޮފް ކޮންގޯ (ޑީއާރްސީ) ގައކ ހުންނަ ނީރަގޮންގޯ ފަރުބަދަ ގޮވައި 15 މީހުން މަރުވެ، 500 އަށް ވުރެ ގިނަ ގެތަށް ހަލާކުވެއްޖެެއެވެ.

ގޯމާ ސިޓީގައި ހުންނަ ނީރަގޮންގޯ ފަރުބަދަ ގޮވަން ފަށާފައިވަނީ ހޮނިހިރު ދުވަހުގެ ރޭގަނޑުގެ ވަގުތެެއްގައެވެ. އަލިފާން ފަރުބަދަ ގޮވަން ފެށުމާ އެކު ކަމާބެހޭ އިދާރާތަކުން އިލްތިމާސް ކުރަމުން ދިޔައީ ގޯމާ ސިޓީގެ މީހުން އެ ސަރަހައްދު ދޫކޮށް ދިއުމަށެވެ. އެގޮތުން، 5،000 މީހުން ގޯމާ ދޫކޮށް ރުވަންޑާ އަށް ގޮސްފައިވެއެވެ. އަދި 25،000 މީހުން މިސްރާބު ޖަހާފައި ހުރީ ނޯތް ކިވޫގެ ސޭކްއާ ދިމާލަށް ކަމަށް ރިޕޯޓުތައް ބުނެއެވެ.

ނީރަގޮންގޯގެ އަލިފާންގަނޑު އެންމެ ފުރަތަމަ ފެތުރެން ފަށާފައި ވަނީ އިރުމަތީ ފަރާތުން ރުވަންޑާ ދިމާލަށެވެ. ނަމަވެސް، ފަރުބަދައިގެ އާ ހިސާބުތަކުން އަލިފާން ބޭރުވާން ފެށުމާއެކު އަލިފާންގަނޑުގެ މިސްރާބު ބަދަލުވީ ގޯމާއާ ދިމާލަށް ކަމަށް ޖިއޮލޮޖިސްޓެއް ބުނެފައިވެއެވެ.

އދގެ އޮފިޝަލުން މައުލޫމާތު ދީފައިވާ ގޮތުން 170 އަށް ވުރެ ގިނަ ކުޑަކުދިން އެސަރަހައްދުން ގެއްލިގެން ހޯދަމުން ދެއެވެ. ސަރުކާރުގެ ތަރުޖަމާނު، ޕެޓްރިކް މުއާޔާ ވިދާޅުވީ 15 މީހުން މަރުވެފައިވާއިރު، ދެ މީހަކު ވަރަށް ބޮޑަށް ފިހި ޒަހަމްވެފައިވާ ކަމަށެވެ.

ސަތާރަ ވިލެޖަކަށް އަލިފާނުގެ އަސަރު ފޯރާ ގެދޮރު ހަލާކުވުމުގެ އިތުރުން، ތިން ހެލްތް ސެންޓަރަކާއި، ޕްރައިމަރީ ސުކޫލެއް އަދި ފެެން ހޮޅިތަކެއް ހަލާކުވެފައިވެއެވެ. މައި ކަރަންޓު ސަޕްލައިއަށް ވެސް އަސަރުކޮށްފައިވާ ކަމަށް ރިޕޯޓު ކޮށްފައިވެއެވެ.

މިއަދު ހެނދުނާ ހަމަޔަށް ވެސް މުޅި ސަރަހައްދުގައި ދުން ބޯވެފައިވާ ކަމަށް ލޯކަލް މީޑިއާތަކުން ރިޕޯޓު ކުރެެއެވެ.

ދެހާސް ދެ ވަނަ އަހަރު ނީރަގޮންގޯ ފަރުބަދަ ގޮވި ހާދިސާގައި 250 މީހަކު މަރުވެ، 100،000 އަށް ވުރެ ގިނަ މީހުންގެ ގެދޮރު ގެއްލިފައިވެއެވެ