އިންޑޮނޭޝިއާގެ މެރަޕީ އަލިފާން ފަރުބަދައެއް ގޮވައިފިއެވެ.

މީޑިއާ ރިޕޯޓްތަކުން ބުނާ ގޮތުގައި އަލިފާން ފަރުބަދަ ގޮވާފައިވަނީ މިއަދުގެ ވަގުތެއްގައެވެ. އަލިފާން ފަރުބަދަ ގޮވުމާއި އެކީ ބޮޑު ސަރަހައްދަކަށް އަލިފާން ފައިބައިފައިވާ މަންޒަރު ފެންނަ ފޮޓޯތަކެއް ވެސް މިހާރު އަންނަނީ ދައުރުވަމުންނެވެ.

ސެންޓަރ ފޯ ރިސާޗް އެންޑް ޑިވެލޮޕްމެންޓް އޮފް ޖިއޮލޮޖިކަލް ޑިޒާސްޓަރ ޓެކްނޮލޮޖީން ބުނީ، އަލފިާން ފަރުބަދަ ގޮވުމުގެ ދުވަސްކޮޅެއް ކުރިން އެ ފަރުބަދަ ގޮވާފާނެ ކަމުގެ ބިރު ވެސް އުފެދިފައިވާ ކަމަށެވެ. ނަމަވެސް އެއީ ވެދާނެ ކަމެއް ކަމަށް ގަބޫލު ނުކުރެވޭ ކަމަށް ވަނީ ބުނެފައެވެ.

އެގޮތަށް ގަބޫލު ނުކުރެވުނީ މީގެ ކުރިން ވެސް އަލިފާން ފަރުބަދަ ގޮވާފާނެ ކަމުގެ ބިރު ފެތުރުނު ނަމަވެސް އަލިފާން ފަރުބަދަ ނުގޮވާތީ ކަމަށް ރިޕޯޓްތަކުން ބުނެއެވެ.

ރިޕޯޓްތަކުން ބުނާ ގޮތުގައި މޫސުން ރަނގަޅު ދުވަހެއްގައި އަލިފާން ފަރުބަދަ ގޮވުމުން އެތައް ހާސް ބަޔަކަށް އަލިފާން ފަރުބަދަ ގޮވާފައިވާ މަންޒަރު އުޑުމަތިން ފެނެއެވެ.

އަލިފާން ފަރުބަދަ ގޮވުމާއި ގުޅިގެން މިހާތަނަށް އެއްވެސް ބަޔަކަށް އަނިޔާއެއްވި ކަމުގެ ރިޕޯޓެއް ކޮށްފައެއް ނުވެއެވެ. މެރަޕީ އެންމެ ފަހުން 2010 ވަނަ އަހަރު ގޮވާފައިވާއިރު، އެ އަހަރު އެ ފަރުބަދަ ގޮވުމުގެ ސަބަބުން 300 އެއްހާ މީޙުން ވަނީ މަރުވެފައެވެ. އަދި 280،000 އަށްވުރެ ގިނަ މީހުން ވަނީ ސަލާމަތީ ހިސާބުތަކަށް ބަދަލު ކޮށްފައެވެ.