އިންޑިއާއަށް އަނެއްކާވެސް ބާރުގަދަ ތޫފާނެއް އަރައިފިއެވެ.

ހެނދުނު އެރި މި ތޫފާނުގެ ސަބަބުން މިލިއަނަކަށް ވުރެ ގިނަ މީހުން ރައްކާތެރި ހިސާބުތަކަށް ވަނީ ގެންގޮސްފައެވެ.

ތޫފާނުގެ މައުލޫމާތުތައް އިންޑިއާގެ ލޯކަލް މީޑިއާތަކުން ގެނެސްދީފައިވާއިރު ބުނެފައިވަނީ، ހެނދުނު އެގައުމަށް އެރި ތޫފާނު، ޔާސްގައި ބޮޑެތި ރާޅުތަކެއް އުފެދި، ކަނޑު ގަދަވެ، އާދަޔާ ހިލާފަ ވައި ގަދަވިކަމަށެވެ.

ޔާސް ތޫފާނާއި އެކު ވައި ބާރުވެ ގަޑިއަކަށް 140 ކިލޯމީޓަރު ބާރުމިނުގައި ވައި ޖެހުން ކަމަށް ރިޕޯޓު ކޮށްފައިވެއެވެ.

މި ތޫފާނުގެ ސަަބަބުން ބައެއް ގެތަށް ބިމާ ހަމަވެފައިވާއިރު، 10،000 އެއްގައި ގެއަކަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެއެވެ. ތޫފާނުގެ ސަބަބުން ބައެއް ސަރަހައްދުތައް ބަންދުކޮށްފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ..

ނެޝަނަލް ޑިޒާސްޓާ ރެސްޕޮންސް ފޯސް (އެންއާރުޑީއެފް)އިން ބުނީ، ވެސްޓް ބެންގާލް އާއި އޮޑީޝާގައި 1.2 މިލިއަން މީހުން ވަގުތީ ހިޔާތަކަށް ގެންގޮސް، އެ އިދާރާގެ 4،800 މުވައްޒަފުން ކުއްލި ހާލަތަށް ތައްޔާރުކޮށްފައިވާ ކަމަށެވެ..

އިންޑިއާގެ ނޭޝަނަލް ޑިޒާޒްޓާއިން ރިޕޯޓު ކުރާ ގޮތުގައި ވެސްޓް ބެންގާލްގައި އެމީހުންގެ 45 ޓީމެއް ހަރަކާތްތެރި ވަމުންދާއިރު، އޮޑިޝާގައި 52 ޓީމެއް ހަރަކާތްތެރި ވަމުންދެއެވެ.

އިންޑިއާއަށް ތޫފާނުގެ އަސަރު ކުރަމުންދަނީ އެގައުމުގައި ކޮވިޑް ހާލަތު ގޯސްވެ ސިއްހީ ނިޒާމަށް ބާރު ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ. އެންމެ ފަހުގެ ރިޕޯޓުތައް ބުނާގޮތުން ތޫފާނުގެ ސަބަބުން އިންޑިއާގެ ބައެއް މީހުންނަށް އަނިޔާވެ، ފުރަތަމަ އެހީ ފޯރުކޮށްދިނުމުގައި ޓީމުތައް ހަރަކާތްތެރި ވަމުން ދެއެވެ.

އިންޑިއާގެ ހުޅަނގު ފަރާތައް މިދިޔަ ހަފްތާގައި ތޫފާނެއް އެރިއެވެ. އެ ތޫފާނުގައި 90 މީހަކު މަރުވެފައިވާ ކަމަށް ރިޕޯޓު ކޮށްފައިވެއެވެ.