ކޮވިޑް-19 އިން ރައްކާތެރިވުމަށް ތައްޔާރުކޮށްފައިވާ އެސްޓްރަޒެނެކާ ވެކްސިން ދިން މީހެއްގެ ލޭގަނޑުވުމުގެ މައްސަލައެއް ދެކުނު ކޮރެއާގައި ފެންމަތިވެއްޖެއެވެ.

ކޮރެއާގެ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން އޭޖެންސީ (ކޭޑީސީއޭ) ގެ ޑިރެކްޓަރ ޖޮން އެއުން ޔެއޮންގެ ބުނެފައިވަނީ ލޭގަނޑުވުމުގެ މައްސަލަ ދިމާވެފައިވަނީ އުމުރުން 30 އަހަރުގެ ފިރިހެނަކަށް ކަމަށާއި އޭނާ ވެކްސިންގެ ފުރަތަމަ ޑޯޒު ޖަހާފައިވަނީ އޭޕްރިލް މަހުގެ 27 ވަނަ ދުވަހު ކަމަށެވެ.

އޭގެ ފަހުން މިމަހުގެ ނުވަ ވަނަ ދުވަހު ބޮލުގައި ރިއްސާތީ ހޮސްޕިޓަލަށް ފަރުވާ ހޯދަން އައުމުން އެނދުމަތި ކޮށްގެން ފަރުވާ ދީފައިވާ ކަމަށާއި، އެ މުއްދަތުގައި ހެދި ޓެސްޓްތަކަށް ފަހު 12 ވަނަ ދުވަހު ގައިގަ ރިއްސާ ކަންކަން ވެފައިވާ ކަމަށް އޭނާ ވަނީ ބުނެފައެވެ.

"އޭނާގެ ހާލަތު އޭގެ ފަހުން އައީ ރަނގަޅުވަމުން. އޭގެ ފަހުން އަޅުގަނޑުމެންނަށް އެނގުނީ މާ ބޮޑު ކަމެއް ނުވާކަން" އޭނާ ބުންޏެވެ.

އޭނާ ބުނީ، އެފަދަ މައްސަލައެއް ދިމާވި ނަމަވެސް، ވަގުތު އޮތްވާ ކުރިން ފަރުވާ ދެވިއްޖެނަމަ، އެކަންކަމުން ރައްކާތެރިވެވޭނެ ކަމަށެވެ.

އެގައުމުގައި ލޭގަނޑުވުމުގެ މައްސަލައެއް ދިމާވެފައިވާއިރު، މިހާތަނަށް 3.27 މިލިއަން މީހުން ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒު ޖަހާފައެވެ.

ރިޕޯޓްތަކުން ދައްކާ ގޮތުގައި ވެކްސިން ޖަހާފައިވާ މީހުންގެ ތެރެއިން މަދު ބަޔަކަށް މިފަދަ ކަންކަން ދިމާވެފައެވެ. އެކަންކަން ދިމާވަނީ ވަކި ވައްތަރެއްގެ ލޭހުންނަ ބަޔަކަށް ކަމަށް ވެސް ރިޕޯޓްތަކުން ދައްކައެވެ.

ކޮވިޝީލްޑް ވެކްސިނުން ލޭގަނޑުވުމުގެ މައްސަލަތަކެއް މީގެ ކުރިން ވެސް ވަނީ އެހެން ގައުމުތަކުގައި ދިމާވެފައެވެ. އެހެން ނަމަވެސް ވެކްސިން އުފެއްދި ފަރާތުން ބުނެފައިވަނީ ވެކްސިން އުފައްދާފައިވަނީ އިންސާނުންނަށް އެންމެ ރައްކާތެރި ގޮތަކަށް ބަލާފައި ކަމަށެވެ. އަދި އެކަމަށް ސައިންސްވެރިން ވެސް ވަނީ ތާއީދު ކޮށްފައެވެ.