ކޮވިޑް-19 ޖެހިގެން ދުނިޔެ އިން މަރުވި މީހުންގެ އަދަދު ހަތަރު މިލިއަނަށް އަރައިފިއެވެ.

ދުނިޔޭގައި ހަލުވިކަމާ އެކު ފެތުރެމުން އަންނަ ކޮވިޑް-19 އަދިވެސް ކޮންޓްރޯލް ކުރެވިފައި ނުވާ އިރު ގައުމުތަކުގައި ވެކްސިންގެ ދަތިކަން ވަނީ އިންތިހާ އަށް ބޮޑުވެފައެވެ. އާބާދީގެ ބޮޑު ބަޔަކަށް ވެކްސިން ފުރިހަމަ ނުކުރެވި ހުރި ގައުމުތައް ގިނައެވެ.

މީގެ ކުރިން ހާލަތު ވަރަށް ބޮޑަށް ގޯސްވި އެމެރިކާ އާއި އިނގިރޭސި ވިލާތުގެ ހާލަތު އަންނަނީ ދުވަހަކަށް ވުރެ ދުވަހެއް ރަނގަޅުވަމުން ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. ނަމަވެސް، ކޮވިޑުގެ އިންޑިއާ ވޭރިއެންޓް ނުވަތަ ޑެލްޓާ ވޭރިއެންޓް އަންނަނީ ގިނަ ގައުމުތަކެއްގައި ހަލުވިކަމާއެކު ފެތުރެމުންނެވެ. ދުނިޔޭގެ ސިއްހަތު ޖަމުއްޔާ، ޑަބްލިއުއެޗްއޯއިން ހާމަކޮށްފައިވާ ގޮތުން ޑެލްޓާ ވޭރިއެންޓް ވަނީ މިހާތަނަށް ސާޅީހަކަށް ގައުމުން ފެނިފައެވެ.

ދިރާސާތަކުން ދައްކާ ގޮތުން ކޮވިޑުގައި މަރުވި މީހުންގެ އަދަދު އެންމެ ފުރަތަމަ ދެ މިލިއަނަށް އަރަން 365 ދުވަސް ނެގިއެވެ. އެކަމަކު، އިތުރު ދެ މިލިއަން މީހުން ބަލީގައި މަރުވެ ޖުމްލަ އަދަދު ހަތަރު މިލިއަނަށް އެރީ އެންމެ 166 ދުވަހުންނެވެ.

ކޮވިޑްގައި އެންމެ ގިނަ ބަޔަކު މަރުވެފައި ވަނީ އެމެރިކާ، ބްރެޒިލް، އިންޑިއާ މެކްސިކޯ އަދި ރަޝިއާ އިންނެވެ. އަދި އާބާދީގެ ނިސްބަތުން ބަލާއިރު، އެންމެ ގިނަ ބަޔަކު ކޮވިޑުގައި މަރުވެފައިވާކަމަށް ރިޕޯޓު ކުރެވިފައިވަނީ ޕެރޫއާއި ހަންގޭރީއާއި ބޮސްނިޔާއާއި ޗެކް ރިޕަބުލިކާއި ޖިބުރޮލްޓާއިންނެވެ.

ގިނަ ތަޖުރިބާކާރުން ގަބޫލުކުރަނީ ބަލީގައި މަރުވި މީހުންނާއި ފައްސިވީ ކަމަށް ރަސްމީ ލިޔެކިޔުންތަކުން ދައްކާ އަދަދު ތަކަށް ވުރެ އަސްލު އަދަދުތައް އިތުރުވާނެ ކަމަށެެވެ. މިހެން ގަބޫލުކުރެވިފައިވަނީ ބައެއް ގައުމުތަކުގައި ރިކޯޑުތައް ބެލެހެއްޓުމުގައި ހަރުދަނާ އުސޫލުތަކެއް ގެންގުޅެފައި ނެތުމުން އެތައް މަރަކާއި ފައްސި ނަތީޖާއެއް ރިކޯޑު ކުރެވިފައި ނެތުމުންނެވެ.