ކޮވިޑް-19 ގެ ފަސްވަނަ ރާޅެއް އީރާނަށް އަރާފާނެ ކަމަށާއި އެ ރާޅުގެ ނިޝާންތައް މިހާރުވެސް ފެންނަމުންދާކަމަށް އެޤައުމުގެ ސަރުކާރުން ބުނެފި އެވެ.

ހުޅަނގުގެ ޤައުމުތަކަށް ކޮވިޑްގެ ޑެލްޓާ ވޭރިއެންޓު ފޯރާފައިވާއިރު އީރާނަށްވެސް ޑެލްޓާ ވޭރިއެންޓުގެ އަސަރުކޮށް އެޤައުމުގެ ކޮވިޑްގެ ހާލަތު ގޯސްވެދާނެ ކަމަށް އެޤައުމުގެ ރައީސް ހަސަން ރޫހާނީ ވިދާޅުވެފައި ވެއެވެ. ރޫހާނީ މިހެން ވިދާޅުވީ އީރާނުގެ އެންޓިވައިރަސް ޓާސްކްފޯސް އާއި ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުންނެވެ.

ކޮވިޑް-19 ފެތުރި މިހާތަނަށް އީރާނުން 3.2 މިލިއަން މީހުންނަށް ބަލި ޖެހިފައި ވެއެވެ. އަދި ކޮވިޑް ޖެހިގެން އީރާނުން މަރުވި މީހުންގެ ޢަދަދު 84،000 ވަނީ އަރާފަ އެވެ.

ޑެލްޓާ ވޭރިއެންޓަކީ އިންޑިޔާއިން ފުރަތަމަ ފެނިފައިވާ ވޭރިއެންޓެވެ. މިހާތަނަށް ދުނިޔޭގެ 85 ޤައުމަކުން މި ވޭރިއެންޓު ފެނިފައިވާއިރު މި ވޭރިއެންޓަކީ މިހާތަނަށް ފާހަގަ ކުރެވުނު ކޮވިޑް ވޭރިއެންޓުތަކުގެ ތެރެއިން އެންމެ ނުރައްކާތެރި އެއް ވޭރިއެންޓެވެ.

އީރާނުން ޑެލްޓާ ވޭރިއެންޓުގެ ފުރަތަމަ ކޭސްތައް ފެނިފައި ވަނީ މެއި 5 ވަނަ ދުވަހު އެޤައުމުގެ ޤައުމް ޕްރޮވިންސުންނެވެ. އީރާނުގެ ވެރިރަށް ތެހްރާން ހިމެނޭގޮތަށް އެޤައުމުގެ ފަސް ސިޓީއެއްގައި މި ވޭރިއެންޓު އުޅޭކަމަށް މިހާރު ބެލެވިފައި ވެއެވެ.

ކޮވިޑްގެ ނުރައްކާތެރި ވޭރިއެންޓު ފެންނަ ސަރަހައްދުތައް ރަތް ޒޯންގެ ގޮތުގައި ފާހަގަ ކުރާއިރު އެ ސިޓީތަކުގެ ބާޒާރުތައްވެސް ވަނީ ބަންދުކޮށްފައި އެވެ. މިހާރު ހަމައެކަނި ހުޅުވިފައި ހުންނާނީ މުހިންމު ބޭނުންތަކަށް ކޮންމެހެން ހުޅުވަންޖެހޭ ތަންތަން އެކަނި ކަމަށް އެޤައުމުގެ ސަރުކާރުން ބުނެ އެވެ.

އީރާނުގެ ސިއްހަތާއި ބެހޭ ވުޒާރާއިން ބުނީ އެޤައުމުގައި ކޮވިޑް-ފުރަތަމަ ޑޯޒް އަށް ވެކްސިން ޖަހާފައި ވަނީ 4.4 މިލިއަން މީހުން ކަމަށެވެ. އަދި ވެކްސިންގެ ދެ ޑޯޒް ހަމަކޮށްފައިވަނީ 1.7 މިލިއަން މީހުން ކަމަށް ސިއްހަތާއި ބެހޭ ވުޒާރާއިން ބުނެއެވެ. އީރާންގެ އާބާދީ 82.91 މިލިއަނަށް އަރައެވެ.