ޖަޕާނުގެ ޓޯކިޔޯގައި ކޮވިޑް-19ގެ ހާލަތު ގޯހުންގޯހަށް ދާން ފެށުމުން އެޤައުމުގެ ކޮވިޑްގެ ކުއްލި ހާލަތު އިއުލާން ކޮށްފި އެވެ.

ޓޯކިޔޯގައި މިމަހުގެ 23 ހުގައި ބާއްވަން ހަމަޖެހިފައިވާ އޮލިމްލިކްސް ގޭމްސްވެސް ލަސްކުރަން މަޖުބޫރުވެފައިވާއިރު މިއީ ކޮވިޑާއި ގުޅިގެން ޖަޕާނުގައި ކޮވިޑްގެ ކުއްލި ހާލަތު އިއުލާން ކުރި ހަތަރުވަނަ ފަހަރެވެ.

ޖަޕާނުގެ ބޮޑުވަޒީރު ޔޮޝީހައިޑް ޝޫގާ ވިދާޅުވީ އޮގަސްޓްމަހުގެ 22 ވަނަ ދުވަހާއި ހަމައަށް ޖަޕާނުގައި ކޮވިޑްގެ ކުއްލިހާލަތު ހިނގާނެ ކަމަށެވެ.

ފާއިތުވި އަހަރުގައި ޖަޕާނަށް އައި ކޮވިޑްގެ ބަލިމަޑުކަމާއި އެކީ އެޤައުމުގައި ކުއްލި ހާލަތު އިއުލާންކުރާ ހަތަރުވަނަ ފަހަރަށް މިފަހަރު ވާއިރު އެންމެ ފަހުން އެޤައުމުގައި އިއުލާންކޮށްފައިވާ ކުއްލިހާލަތު އުވާލާފައި ވަނީ ޖޫން މަހުގެ 20 ވަނަ ދުވަހުގައިއެވެ.

ބުދަ ދުވަހު އެކަނިވެސް ޓޯކިޔޯ އިން ކޮވިޑްގެ 920 ވޭދަނަ ފެނިފައިވާއިރު ތަޖުރިބާކާރުން ލަފާކުރާގޮތުގައި އޮލިމްޕިކްސް ފެށުމުގެ ކުރިން ޓޯކިޔޯއިން ކޮވިޑަށް ފައްސިވާމީހުންގެ ޢަދަދު 1،000 އަށްވުރެ މައްޗަށް އަރާނެއެވެ.

ކޮވިޑްގެ ހާލަތު ގޯސްވެފައިވާ މި ދަނޑިވަޅުގައި ޖަޕާނުގައި ވެކްސިން ޖަހާ ފަރާތްތަކުގެ ޢަދަދުވެސް މަދުކަން ފާހަގަ ކުރެވެއެވެ. އެގޮތުން އެޤައުމުގައި ވެކްސިންގެ ދެ ޑޯޒް ޖަހާފައިވާ މީހުންގެ ޢަދަދު އުޅެނީ 15 އިންސައްތައިގައި އެވެ. އަދި 26 އިންސައްތަ މީހުން ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިއެވެ.

އޮލިމްޕިކްސް ދެން ފެށޭނެ ތާރިހެއް އަދި ހާމަނުކުރާއިރު އޮލިމްޕިކްސްއަށް ތައްޔާރުވެފައިވާ ބައެއް ފަރާތްތަކުން އެކަން ފާހަގަ ކުރެއެވެ.