ކޮވިޑް-19 އާ ގުޅިގެން ޕެރޫ ސަރުކާރުން އެ ގައުމުގައި އިއުލާން ކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތު އަންނަ އޮގަސްޓު މަހުގެ ނިޔަލަށް އިތުރުކުރަން ނިންމައިފިއެވެ.

މި ހިނގާ ޖުލައި މަހުގެ 31 ވަނަ ދުވަހު ކުއްލި ނުރައްކަލުގެ ހާލަތު އުވާލަން ކުރިން ނިންމި ނަމަވެސް ކޮވިޑްގެ ހާލަތު ރަނގަޅު ނުވާތީ އެ ގައުމުގެ ސަރުކާރުން މި ނިންމުން ނިންމީ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

ފާއިތުވި އަހަރުގެ މާރިޗް މަހުން ފެށިގެން ޕެރޫގައި ރޭގަނޑު ގަޑީގައި ދަނީ ކާފިއު ހިނގަމުންނެވެ. ކޮވިޑް ކޮންޓްރޯލް ކުރުމަށް އެ ގައުމުގެ ސަރުކާރުން މަސައްކަތް ކުރަމުންދާ އިރު ފާއިތުވި މަސްތަކުގައި ޕެރޫއިން 2.07 މިލިއަން މީހުންނަށް ކޮވިޑް ބަލި ޖެހިފައިވެއެވެ. އަދި 193،000 މީހުން އެ ގައުމުން ވަނީ ބަލި ޖެހިގެން މަރުވެފައެވެ.

ކޮވިޑް ފެތުރުން ހުއްޓުވުމަށް ޕެރޫ ސަރުކާރުން ކުރާ މަސައްކަތުގެ ތެރެއިން އެ ގައުމުގައި ކޮވިޑަށް ވެކްސިން ދިނުމަށް 24 ގަޑިއިރު ދަނީ މަސައްކަތް ކުރަމުންނެވެ. އެ ގައުމުގެ މިހާރުގެ ރައީސް ވެސް ވަނީ ޕެރޫގެ ހުރިހާ ރައްޔިތުން ވެކްސިން ޖެހުމަށް އިލްތިމާސް ކޮށްފައެވެ.

ފާއިތުވި މަހު ޕެރޫގައި ރިޔާސީ އިންތިހާބު ބާއްވާފައިވާ އިރު އެ އިންތިހާބުން 50.12 އިންސައްތަ ވޯޓު ލިބިގެން ހޮވިފައި ވަނީ ޕެޑްރޯ ކަސްޓިލޯއަށެވެ. އަދި 44،000 ވޯޓުގެ ތަފާތަކުން ނާކާމިޔާބުވީ އެ ގައުމުގެ ކުރީގެ ރައީސް އަލްބާޓޯ ފުޖީ މޯރީގެ އަންހެން ދަރިކަލުން ކެއިކޯ ފުޖީމޯރީއެވެ. އޭނާ ވަނީ ވޯޓުގައި މަކަރުހަދާފައިވާކަމަށް ތުހުމަތު ކޮށްފައެވެ.