ހޫނު މޫސުމުގައި ފަލަސްތީނުގެ ރައްޔިތުން ފެނަށް ޖެހިފައިވާ އިރު، އިސްރާއީލުގެ ހައްދު ފަހަނަ އަޅާފައިވާ ޔަހޫދީން އަންނަނީ ފެން ބޭނުންކޮށް އެކަމުގައި ވެސް މަޖާ ކުރަމުންނެވެ. ސްވިމިންގް ޕޫލްތައް ފުރުމަށާއި، ޔަހޫދީންގެ އުޅަނދުތައް ދޮވުމާއި، ދަނޑުވެރިކަމަށް ބޭނުންކުރުމަށް ވަކި ލިމިޓެއް ނެތްވަރަށް ޔަހޫދީން އަންނަނީ ފެން ބޭނުން ކުރަމުންނެވެ.

ހުޅަނގު އައްސޭރީގެ 85 އިންސައްތަ ފެން ކޮންޓްރޯލް ކުރަމުން އަންނަނީ އިސްރާއީލުންނެވެ.

ފަލަސްތީންގެ ވޯޓާ އޮތޯރިޓީގެ ސްޓްރެޓެޖިކް ޕްލޭނިންގްގެ ޑިރެކްޓަރު އަދީލް ޔާސިން އަލްޖަޒީރާ ނޫހަށް ވިދާޅުވީ އިސްރާއީލުން ފަލަސްތީނުގެ 42 ފެން ވަޅެއް ކޮންޓްރޯލް ކުރަމުން އަންނަ ކަމަށެވެ. އޭގެ ތެރެއިން 34 ވަޅަކީ ޖޯޑަން ވެލީގައި ހުންނަ ވަޅުތަކެއް ކަމަށް ބުނެއެވެ.

ފަލަސްތީނުގައި ފެނުގެ ދަތިކަން ދިމާވެފައިވަނީ ފެން ނުލިބިގެން ނޫން ކަމަށާއި، އެ ގޮންޖެހުމާ ކުރިމަތިލާން ޖެހިފައިވަނީ ޔަހޫދީން ފެން ކޮންޓްރޯލް ކުރަމުން އަންނާތީ ކަމަށް އަދީލް ވިދާޅުވިއެވެ.

ފަލަސްތީނުގެ އިދާރާތަކުން ވަނީ އިތުރު ފެންވަޅުތައް ގާއިމްކުރުމަށް އެދިފައެވެ. އަދި އިސްރާއީލުން މިހާރު ވިއްކަމުން އަންނަ ފެން ސަޕްލައި އިތުރު ކޮށްދިނުމަށް އެދިފައިވެއެވެ. ފަަސްތީނުގެ އިދާރާތަކުގެ އެ އެދުމަށް އިސްރާއިލުން ރައްދު ދެމުން ބުނީ ސަޕްލައި ބޫސްޓް ކުރުމަށް އެމީހުން ތައްޔާރުނޫން ކަމަށާއި، މިހާރު ފެން ލިބޭ ވަރަށްވުރެ އިތުރުކުރާ ނަމަ ވިއްކާނީ ބޮޑު އަގުގައި ކަމަށެވެ.

ދެހާސް އަށާރަ ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށް ފަލަސްތީނުގެ ރައްޔިތުންނަށް ސާފު ބޯފެން ލިބެމުން އަންނަނީ 15 ދުވަހުން އެއްދުވަހުއެވެ.

މީގެ ކުރިން އިސްރާއީލުން ދުވާލަކު 38،000 ކިއުބިކް މީޓަރުގެ ފެން ފޯރުކޮށްދެމުން ދިޔަ ކަމުގައި ވިޔަސް، މި އަހަރު ފޯރުކޮށްދެމުން އަންނަނީ 35،000 ކިއުބިކް މީޓަރުގެ ފެން ކަމަށް ރިޕޯޓުތައް ބުނެއެވެ. އިސްރާއީލުން އަގު ބޮޑުކޮށް ވިއްކަމުން އަންނަނީ ފަލަސްތީނު ބޯފެން ކަަމަށާއި، އެއީ އެމީހުންގެ ހައްގުތައް ފޭރިގަތުން ކަމަށް މީޑިއާތަކުން ރިޕޯޓު ކޮށްފައިވެއެވެ.