ފިލިޕީންސްގެ ލޫޒިއޯން ނަމަކަށް ކިޔާ ރަށް ކައިރިން ކަނޑުގެ އަޑިއަށް 6.7 މެގްނެޓިއުޑްގެ ބާރުމިނުގައި ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.

ފިލިޕީންސަށް އަންނަ ބިންހެލުންތަކާއި ގުޅޭ މައުލޫމާތު ހާމަކުރާ އެގައުމުގެ ރަސްމީ އިދާރާ އިން ނެރުނު ބަޔާނެއްގައި ބުނީ ބިންހެލުން އައިސްފައި ވަނީ ކަނޑުގެ 116 މީޓަރު އަޑިއަށް ކަމަށެވެ. ބިންހެލުން އައިކަމަށް ރެކޯޑް ކުރެވިފައި ވަނީ ފިލިޕީންސްގެ ގަޑިން ފަތިހު 04:49 ގައެވެ.

ކަނޑުގެ އަޑިއަށް ބިންހެލުމެއް އައި ނަމަވެސް މިބިންހެލުމުގެ ސަބަބުން ސުނާމީއެއް އުފެދިފައެއް ނުވެއެވެ. ބިންހެލުމުގެ ސަބަބުން އުދަ އެރުން ފަދަ ކަމެއް ވެސް ދިމާވުމުގެ ފުރުސަތެއް ނެތް ކަމަށް ފިލިޕީންސް ސަރުކާރުން ބުނެއެވެ.

ބިންހެލުން އައި ސަރަހައްދުގެ ކައިރި ޕްރޮވިންސްތަކުގެ ވަރަށް ގިނަ މީހުންނަށް ވަނީ ބިންހެލުން އިހްސާސް ކުރެވިފައެވެ. ބިންހެލުން އިހްސާސް ކުރެވުނު އެކަކު ބުނީ ނިދާފައި އޮއްވާ ހޭލެވުނީ އޭނާގެ އެޕާޓްމަންޓް ބިލްޑިންގް ހެލެމުންދާ ކަމުގެ އިހްސާސް ކުރެވިގެން ކަމަށެވެ. "އިމާރާތްތައް ހެލެމުން ދިޔައީ ފުދޭވަރަކަށް ބާރަށް. ގޭތެރޭގައި ހުރި ބައެއް އެއްޗެހި ވެއްޓި ވަނީ ހަލާކުވެފައި." އޭނާ ބުންޏެވެ.

އިތުރު މީހަކު ބުނީ ބިންހެލުމުގެ ސަބަބުން އޭނާގެ ގޭގެ ކުޑަދޮރުތައް ވެސް ތަޅައިގެން ދިޔަ ކަމަށެވެ.

ބިންހެލުމުގެ ސަބަބުން އިމާރާތްތަކަށް ކޮންމެވެސް ވަރެއްގެ ގެއްލުންތަކެއް ލިބުނު ނަމަވެސް އެއްވެސް މީހަކަށް އަނިޔާއެއްވި ކަމުގެ ރިޕޯޓެއް އަދި މިހާތަނަށް ލިބިފައި ނެތް ކަމަށް ފިލިޕީންސް ސަރުކާރުގެ އޮފިޝަލުން ވިދާޅުވެއެވެ.

ބިންހެލުން އައުމާއިއެކު ބިންހެލުން އިހްސާސް ކުރެވުނު ސަރަހައްދުތަކުގެ މީހުން ރޭގެ ފަތިހުން ފެށިގެން ވަނީ ގެތަކުން ނިކުމެ މަގުމަތީގައި މަޑުކޮށްފައެވެ. އެއީ އިތުރު ބިންހެލުމެއް އައުމުގެ ފުރުސަތު އަދިވެސް އޮތުމުންނެވެ.