ކޮވިޑް-19 ޖެހިގެން އިންޑޮނޭޝިއާއިން އިތުރު 1466 މީހަކު މަރުވެއްޖެއެވެ.

އިންޑޮނޭޝިއާއަކީ މިހާރު ކޮވިޑްގެ ނުރައްކާ އެންމެ ބޮޑަށް ކުރިމަތިވެފައިވާ ގައުމުތަކުގެ ތެރެއިން އެއް ގައުމެވެ. އެ ގައުމުގައި ފަހަކަށް އައިސް އެ ބައްޔަށް ފައްސިވާ މީހުންގެ އަދަދުތަކާއި، އެ ބަލީގައި ނިޔާވާ މީހުންގެ އަދަދުތައް ދަނީ އިތުރުވަމުންނެވެ.

ދުނިޔޭގެ 14 ވަނަ އަށް އެންމެ ގިނަ މީހުން އެ ބައްޔަށް ފައްސިވެފައިވާ އިންޑޮނޭޝިއާއިން ފާއިތުވި 24 ގަޑިއިރު ތެރޭގައި 1466 މީހަކު މަރުވިއިރު، އިތުރު 24,709 މީހަކު ފައްސިވެފައި ވެއެވެ. މިއާއި އެކީ މުޅި ޖުމްލަ ފައްސިވި މީހުންގެ އަދަދު ވަނީ 3,774,155 އަށް އަރާފައެވެ.

އެ ގައުމުން މިއަދު މަރުވި މީހުންނާއެކު ޖުމްލަ މަރުގެ އަދަދުތައް ވަނީ 113,664 އަށް އަރާފައެވެ. އެ ގައުމުން އެ ބަލީގައި އެންމެ ގިނަބަޔަކު މަރުވެފައި ވަނީ ޖުލައި މަހުގެ 27 ވަނަ ދުވަހުއެވެ. އެ ދުވަހު 2،069 މީހަކު ވަނީ އެ ބަލީގައި މަރުވެފައެވެ. އެ ގައުމުގައި ފާއިތުވެދިޔަ ދެ ހަފްތާއެއްހާ ދުވަހުގެ އަދަދުތައް އުޅެނީ 1000 އިން މަތީގައެވެ.

އެ ގައުމުގައި ކޮވިޑްގައި މަރުވާ ރޭޓްތައް އިތުރުވަމުންދާއިރު، އެ ބައްޔަށް ފައްސިވާ އަދަދުތައްވެސް ދަަށަށް ނުދެއެވެ. އެގޮތުން މިދިޔަ މަސް ފެށުނު ފަހުން ފައްސިވާ އަދަދުތައް 20،000 އިން މަތީގައި އުޅޭއިރު، މިދިޔަ މަހުގެ 14 ވަނަ ދުވަހުން ފެށިގެން 17 ވަނަ ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހަކު ވެސް އަދަދުތައް އުޅުނީ، 50،000 އިން މަތީގައެވެ.

އެގައުމުން ބަލި ޖެހުނު މީހުންގެ ތެރެއިން 3,247,715 މީހުން ބަލިން ރަނގަޅުވެފައިވާއިރު، މިވަގުތު ބަލި ޖެހިފައި ތިބީ 412,776 މީހަކު ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. އަދި އެއިން އެއްވެސް ފަރާތެއްގެ ހާލު ސީރިއަސް ނޫން ކަމަށް ވެސް ހިސާބުތަކުން ދައްކައެވެ.