އިންޑޮނޭޝިއާގެ ބޮޑު އަލިފާން ފަރުބަދައެއް ގޮވައިފިއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ގޮވާފައިވަނީ އިންޑޮނެޝިއާގެ އަނަކް ކްރަކަޓޮއާ އަލިފާން ފަރުބަދަ ކަމަށެވެ. އަދި އަލިފާން ފަރުބަދަ ގޮވުމާއި ގުޅިގެން ދުމުގެ އަސަރު އުޑުގެ 3000 މީޓަރަށް ކޮށްފައިވާ ކަމަށް ރިޕޯޓްތަކުން ވަނީ ބުނެފައެވެ.

މި އަލިފާން ފަރުބަދަ ގޮވުމާއި ގުޅިގެން އެގައުމުގެ ކަމާއި ބެހޭ އިދާރާތަކުން ވަނީ ބޭރަށް ނިކުންނަ ފަރާތްތަކުން ރައްކާތެރިކަމުގެ ގޮތުން މާސްކު އަޅަން އަންގާފައެވެ.

އިންޑޮނޭޝިއާގެ ޖިއޮލޮޖިކަލް އޭޖެންސީގެ ޑެނީ މަރްޑިއޯނޯ އާ ހަވާލާދީ ނޫސްތަކުގެ ބުނީ، ދުމުގެ ސަބަބުން ބޯކޮށް ވާރޭ ވެހެމުންދާ ވިލާތައް އުފެދެމުން އަންނަ ކަމަށާއި އެހެން ކަމުން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ. ވިލާތައް އުފެދިފައިވަނީ އުސް ހިސާބުތަކުން ފެށިގެން 5000 މީޓަރާއި 3000 މީޓަރާއި ދެމެދަށް ކަމަށް އޭނާ ވަނީ ބުނެފައެވެ.

އަލިފާން ފަރުބަދަ ގޮވުމުގެ ސަބަބުން އެއްވެސް މީހަކަށް އަދި މީހުން ދިރިއުޅޭ ގެތަކަށް ގެއްލުން ނުވި ނަމަވެސް، ރައްކާތެރިކަން ކަށަވަރު ކުރުމަށް އެއިދާރާއިން ވަނީ އިލްތިމާސް ކޮށްފައެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި އިއްޔެ ގޮވާފައިވާ މި އަލިފާން ފަރުބަދަ އަކީ ފާއިތުވެގެން ދިޔަ ހަފްތާތަކުގައި 21 ފަހަރަށްވުރެ ގިނައިން ގޮވާފައިވާ ފަރުބައެކެވެ.