އަފްޣާނިސްތާންގެ ރައީސް އަޝްރަފް ޣަނީ އިސްތިއުފާ ނުދެއްވައިފި ނަމަ، އަވަހާރަކޮށްލާނެ ކަމަށް ރައީސްގެ ކުރީގެ އެޑްވައިޒަރު ވިދާޅުވެއްޖެއެވެ.

ކުރީގެ އެޑްވައިޒަރު ވިދާޅުވީ މީގެ ކުރިން އަޝްރަފް ޣަނީ މަސައްކަތް ކުރެއްވީ އެމެރިކާއަށް ކަމަށާއި، އަފްޣާނިސްތާނުގެ ވެރިކަން ބަދަލުވީ ކަމުގައި ވިޔަސް އެއީ އަފްޣާނިސްތާނުގެ ރައްޔިތުންނަށް މާ މުހިންމު ކަމަކަށް ނުވާނެ ކަމަށެވެ.

ތާލިބާނުން ރަސްމީކޮށް ކާބުލްއަށް އެތެރެނުވި ކަމުގައި ވިޔަސް، އެ ސިޓީ ވަށާލައި ހަނގުރާމަވެރި ޖަމާއަތްތަކުން ތިބުމުން އަޝްރަފް ޣަނީއަށް ޕްރެޝަރު ބޮޑުވެ މިއަދުގެ ވަގުތެއްގައި މަގާމުން އިސްތިއުފާ ދެއްވުމަށް އަޝްރަފް ޣަނީ ވަނީ ނިންމަވައިފައެވެ.

ތާލިބާނުން ބުނެފައިވަނީ ކާބުލް ސިޓީ އެ ޖަމާއަތުގެ ބާރުގެ ދަށަށް ގަދަކަމުން ގެންނަން ބޭނުން ނުވާކަމަށާއި، އެ ސިޓީގައި ހައިޖާނެއް އުފެއްދައި ރައްޔިތުންނަށް ގެއްލުން ވުމަކީ އެޖަމާއަތުގެ މީހުން ބޭނުންވާ ގޮތެއް ނޫން ކަމަށެވެ. އަދި ސުލްހަވެރިކަމާއެކު ސިޓީ ހަވާލުކުރަންދެެން އިންތިޒާރުކުރާނެ ކަމަށް ވެސް މީގެ ކުރިން ވަނީ ބުނެފައެވެ.

ކާބުލް ވަށާލައިފައި ތިބި ތާލިބާނުންގެ ހަނގުރާމަވެރިން މިހާރު މަޑުމަޑުން ކާބުލް ސިޓީއަށް އެތެރެވަމުންދާ ކަމަށް ފަހުގެ ރިޕޯޓުތައް ބުނެއެވެ.

އަފްޣާނިސްތާނުގެ ރައީސް އިސްތިއުފާ ދެއްވަން ނިންމެވުމުގެ ކުރިން ވަނީ ތާލިބާނާއެކު ސަރުކާރުގެ ބާރުތައް ހިއްސާކުރުމަށް ޕްރޮޕޯސަލެއް ވެސް ހުށަހަޅާފައެވެ.

ތާލިބާނުންގެ ބާރުގެ ދަށަށް އަވަސް މުސްތަގުބަލެއްގައި އަފްޣާނިސްތާން ގޮސްދާނެ ކަމަށް މިދިޔަ ހަފްތާގައި އެމެރިކާގެ ޖާސޫސީ އިދާރާތަކުން ލަފާކޮށް ހާމަކޮށްފައިވެއެވެ. އަދި އެމެރިކާއިން އިތުރު ސިފައިން ގެނެސް، ކާބުލްގައި ހުރި އެމެރިކާގެ އެމްބަަސީ ހުސްކުރުމުގެ މަސައްކަތް ނިންމުމަށްފަހު އެގައުމުގައި ތިބި އެމެރިކާގެ ޑިޕްލޮމެޓުން ވެސް ފުރައިގެން ގޮސްފައިވާ ކަމަށް ރިޕޯޓު ކޮށްފައިވެއެވެ.