އަފްޣާނިސްތާންގެ ރިޔާސީގަނޑުވަރު ޠާލިބާނުންގެ ބާރުގެދަށަށް ގެނެސްފައިވާ ކަމަށް އެޖަމާއަތުން ބުނެފިއެވެ.

މިހާރު އަފްޣާނިސްތާންގެ ރައީސް ވެސް ގައުމު ދޫކުރައްވާ ވަޑައިގެންފައި ވުމުން އަފްޣާނިސްތާންގެ ސަރުކާރުގެ ބާރުކެނޑި ސަރުކާރުގެ އޮފިޝަލުންނާއި މީޑިއާތަކަށް ވެސް ގުޅޭ ގޮތެއް ނުވެއެވެ. އެހެންކަމުން ޠާލިބާނުން ރިޔާސީގަނޑުވަރު ހިފިކަމަށް ބުނާ ޚަބަރު ވެސް އަފްޣާނިސްތާން ސަރުކާރުގެ ފަރާތުން ޔަގީން ކުރެވޭނެ ގޮތެއް ނެތެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ޠާލިބާނުން އަފްޣާނިސްތާންގެ ރިޔާސީގަނޑުވަރު "އަރްކާ" އެޖަމާއަތުގެ ބާރުގެ ދަށަށް ގެންގޮސްފައި ވަނީ އަފްޣާނިސްތާންގެ ރައީސް އަޝްރަފް ޣަނީ އަފްޣާނިސްތާން ދޫކުރައްވާ ވަޑައިގެންނެވިތާ އިރުކޮޅެއް ފަހުންނެވެ.

ރިޔާސީގަނޑުވަރު ޠާލިބާނުންގެ ބާރުގެ ދަށަށް ގެންދިޔައީ އެއްވެސް ވަރަކަށް ހަމަލާ ބަދަލުކުރުމެއް ނެތި ކަމަށް ރިޕޯޓްތައް ބުނެއެވެ. ރިޔާސީގަނޑުވަރުގެ ސަލާމަތީ ކަންކަން ބަލަހައްޓަން ތިބި އަފްޣާނިސްތާން ސިފައިން އަމިއްލައަށް އަމާން ދީފައިވާ ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.

އަފްޣާނިސްތާންގެ ރިޔާސީގަނޑުވަރަކީ އެގައުމުގައި ހުރި އެންމެ ތާރީހީ އެއްބިނާއެވެ. 1880 ވަނަ އަހަރު އަމީރު އަބްދުލް ރަހްމާން ހާން އިމާރާތް ކުރެއްވި ގަނޑުވަރު ހުންނަނީ ވެރިރަށް ކާބުލްގެ މެދުތެރޭގައެވެ.

މިދިޔަ މަހުން ފެށިގެން ޠާލިބާނުން އައީ އަފްޣާނިސްތާންގެ ޕްރޮވިންސްތައް ހިފަމުން، ކާބުލް އާއި ކައިރިވަމުންނެވެ. އަދި މިއަދު ވަނީ ކާބުލް ހިސޯރު ކޮށްފައެވެ. ޠާލިބާނުން ކާބުލް ހިސޯރު ކުރުމާއިއެކު އަފްޣާނިސްތާންގެ ރައީސް ޣަނީ ވަނީ ގައުމު ދޫކުރައްވާ ވަޑައިގެންފައެވެ.