އަންހެން ކުދިންނަށް ތައުލީމު ހޯދައިދޭން ބައެއް ތާލިބާނުން ބޭނުންވާކަމަށް ޔުނައިޓެޑް ނޭޝަންސް ޗިލްޑްރެންސް އެޖެންސީ (ޔުނިސެފް) އިން ބުނެފިއެވެ.

އަފްގާނިސްތާނުގެ ބޮޑެތި ސިޓީތަކުގެ ކޮންޓްރޯލް ތާލިބާނުންގެ ހަނގުރާމަވެރި ޖަމާއަތްތަކުގެ އަތްދަށަށް ގެނެސްފައިވާއިރު އެޤައުމުގެ އެކި ސަރަހައްދުތަކުގައި ތިބި ތާލިބާނުންގެ ބައެއް މީހުން އެޤައުމުގައި ތިބި އަންހެން ކުދިންގެ ތައުލީމު ހުއްޓުވުމަށް މަސައްކަތް ނުކުރާ ކަމަށް ޔުނިސެފުން ވަނީ ބުނެފައެވެ.

މިހާރު އަފްގާނިސްތާނުގައި ހުރި ޔުނިސެފްގެ ޗީފް އޮފް ފިލްޑް އޮޕަރޭޝަން މުސްތަފާ ބިން މަސްއޫދު ވިދާޅުވީ އަންހެން ކުދިން ތައުލީމް ހޯދުމާއި ގުޅޭގޮތުން ތާލިބާނުންގެ ލީޑަރުން ވަކި ގޮތެއް އަންގަންދެން ބައެއް ތާލިބާނުން މަޑުކޮށްލައިގެން ތިބި ކަމަށެވެ. އަދި ބައެއް ތާލިބާނުން ބޭނުންވަނީ އަންހެން ކުދިންނާއި އެކު ސްކޫލްތައް ހިންގަން ކަމަށް އޭނާ ވިދާޅުވިއެވެ.

ތާލިބާނުން އަފްގާނިސްތާނަށް އަރައި އެޤައުމުގެ ވެރިކަން އަތުލާފައިވާއިރު ތާލިބާނުންގެ ގާނޫނުތައް އެޤައުމުގައި މިހާރު ދަނީ ތަންފީޒު ކުރަމުންނެވެ. އެގޮތުން ދާދިފަހުން ތާލިބާނުން ވަނީ އެޤައުމުގެ ބައެއް ބެންކުތަކަށް ގޮސް އެތަންތަނުގައި މަސައްކަތް ކުރާ އަންހެނުން ގެއަށް ފޮނުވައި ވަޒީފާ އަށް އަނބުރާ ނައުމަށް އަންގާފައެވެ.