އިންސާނީ އެހީތެރިކަމަށް އިންތިހާއަށް ބޭނުންވެފައިތިބި 10 މިލިއަން ކުޑަކުދިން އަފްޣާނިސްތާނުގައި އެބަތިބި ކަމަށް އދގެ ޗިލްޑްރެންސް ފަންޑް، ޔޫއެންއައިސީއީއެފް އިން ބުނެފިއެވެ.

ޔޫއެންއައިސީއެފްއިން މިހެން ބުނެފައިވަނީ އދގެ ވޯލްޑް ފުޑް ޕްރޮގްރާމުން އަފްޣާނިސްތާނަށް ކާބޯތަކެތީގެ އެހީތެރިކަން ފޯރުކޮށްދިނުމަށް 200 މިލިއަން ޑޮލަރުގެ އެހީ ހޯދުމަށް ބައިނަލްއަޤްވާމީ ކޮމިއުނިޓީތަކުގައި އެދިފައިވަނިކޮށެވެ.

ޑަބްލިއުއެފްޕީއިން ބުނީ ބައިނަލްއަޤްވާމީ ކޮމިއުނިޓީތަކުން އަފްޣާނިސްތާނުގައި ތިބި އާންމު ރައްޔިތުންނަށް ހާއްސަ ސަމާލުކަމެއް ނުދީފިނަމަ، އެގައުމުގައި ތިބި ރައްޔިތުންނަށް ބޮޑެތި ގެއްލުންތަކަކާއި ނުވަތަ ކާރިސާއަކާއި ކުރިމަތިލާން ޖެހިދާނެކަމަށެވެ. އަދި އެހީތެރިކަން ފޯރުކޮށްދޭން ޖެހެނީ ފަރުބަދަތައް ހުރަސްކޮށް ކަމަށާއި، ފިނިމޫސުން ކުރިމަތިވުމުން ފަރުބަދަތައް މަތިން ދަތުރުކުރާ މަގު ބެދޭނެ ކަމަށާއި، އޭގެ ކުރިން އެހީގެ ޝިޕްމެންޓް އަފްޣާނިސްތާނަށް ފޯރުކޮށްދޭން ޖެހޭނެ ކަމަށެވެ.

އަފްޣާނިސްތާނުގައި ތިބި ކުޑަކުދިންގެ ދިރިހުރުން މިހާރުވެސް ބަރޯސާވެފައިވަނީ އިންސާނީ އެހީތެރިކަމަށްކަން ފާހަގަކޮށް ޔޫއެންއައިސީއެފް އިން ބުނީ މި އަހަރު މަލްނިޓްރިއުޝަން ބަލީގައި ފުރާނައަށް ގެއްލުންވާ ވަރަށް އަސަރުކުރާނެ މިލިއަނަށް ވުރެ ގިނަ ކުޑަކުދިން އެބަތިބި ކަމަށް ލަފާކުރެވޭ ކަމަށެވެ. އޭގެ މައިގަނޑު ސަބަބުތަކަކީ ދިގުމުއްދަތަކަށް ދެމިގެންގޮސްފައިވާ ހޫނުކަމާއި ހަނަފަސްކަމާއި، އަދި އިގްތިސާދަށް ދިމާވެފައިވާ ގޮންޖެހުންތަކެވެ.

ވޯލްޑް ބޭންކުން ވަނީ އަފްޣާނިސްތާނަށް އެހީތެރިކަން ފޯރުކޮށްދިނުން ސަސްޕެންޑް ކޮށްފައެވެ. އަދި އަފްޣާނިސްތާނުގެ މިލްކިއްޔާތުގައި ހުރި މިލިއަނަށް ވުރެ ގިނަ ފައިސާ ވަނީ ފްރީޒް ކޮށްފައެވެ. 2002ވަނަ އަހަރުން ފެށިގެން މިހާތަނަށް 5.2 ބިލިއަން ޑޮލަރު އަފްޣާނިސްތާނަށް ވޯލްޑް ބޭންކުން ހަރަދުކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އޮގަސްޓް 14ވަނަ ދުވަހުން ފެށިގެން މިއަދާއި ހަމައަށް އަފްޣާނިސްތާނުން ބޭރުކުރި ދޭސީންނާއި ބިދޭސީންގެ އަދަދު 70,000 އަރާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.