ފްލައިޓްތަކެއް ހައިޖެކް ކޮށްގެން 2001 ވަނަ އަހަރުގެ ސެޕްޓެމްބަރ 11 ވަނަ ދުވަހު އެމެރިކާގެ ދެޓަވަރު ގޮއްވާލި ވަރުގަދަ ހަމަލާގެ ފަހަތުގައި ހުރީ އުސާމާ ބިންލާދިން ކަމުގެ އެއްވެސް ހެއްކެއް ނެތް ކަމަށް އަފްޣާނިސްތާނުގެ ވެރިކަމަށް މިހާރު އައިސްފައިވާ ޠާލިބާނުން ބުނެފިއެވެ.

އެމެރިކާއަށް ފްލައިޓްތަކެއް ހައިޖެކް ކޮށްގެން ހަމަލާ ދިން އިރު އަފްޣާނިސްތާންގައި ވެރިކަން ކުރަމުން ގެންދިޔައީ ޠާލިބާނުންނެވެ. އޭރު އުސާމާ ބިން ލާދިންގެ ޠާލިބާން ޖަމާއަތަކީ އަފްޣާނިސްތާން ވެރިކަމުގެ ބައިވެރިންނެވެ. ޠާލިބާނުންގެ ލީޑަރަކަށް އޭރު ހުރި މުއްލާ މުހައްމަދު އުމަރާއި އުސާމާ ބިން ލާދިން އަކީ ވަރަށް އެކުވެރި ދެމީހުންނެވެ.

އެމެރިކާގެ އެންބީސީ އަށް ދެއްވި އިންޓަވިއުއެއްގައި ޠާލިބާނުންގެ ތަރުޖަމާން ޒަބިހުﷲ މުޖާހިދު ވިދާޅުވީ 11/9 ހަމަލާ އަކީ އެމެރިކާ އިން ތުހުމަތު ކުރާ ގޮތަށް އަލްގައިދާއިން އަފްޣާނިސްތާންގައި ތިބެގެން ރާވައިގެން ދިން ހަމަލާއެއް ކަމުގެ އެއްވެސް ހެއްކެއް ނެތް ކަމަށެވެ.

ޒަބިހުﷲ ވިދާޅުވީ އަފްޣާނިސްތާންގެ އެއްވެސް ސަރަހައްދެއްގައި ނިރުބަވެރިންނަށް އެއްވެސް ޖާގައެއް ނޯންނާނެ ކަމަށެވެ. ޠާލިބާނުންނަށް އަފްޣާނިސްތާންގެ ވެރިކަން ލިބުމަކީ ނިރުބަވެރިން އަފްޣާނިސްތާނަށް ޖަމާވެ ދުނިޔެއަށް އެކަމުގެ ނުރައްކާ އިތުރުވެގެން ދާނެ ކަމެއް ކަމަށް ބައެއް ފަރާތްތަކުން ބުނަނީ ހުޅަނގުގެ ޕްރޮޕެގެންޑާތައް ފަތުރަން ކަމަށް ޒަބިހުﷲ ވިދާޅުވިއެވެ.

2001 ވަނަ އަހަރު އެމެރިކާ އިން ދިން ހަމަލާގެ ފަހަތުގައި އޮތީ އަލްގައިދާ ކަމަށް ބުނެ އެމެރިކާ އާއި ނޭޓޯގެ ސިފައިން އަފްޣާނިސްތާނަށް ހަމަލާދީ ޠާލިބާނުންގެ ވެރިކަން ވައްޓާލިއެވެ. އޭގެ 20 އަހަރު ފަހުން ޠާލިބާނުން އަލުން އަނބުރާ އަފްޣާނިސްތާންގެ ވެރިކަމަށް އައިއިރު ފާއިތުވި ދުވަސްތަކުގައި އެމެރިކާ ސިފައިން އަފްޣާނިސްތާންގައި ގާއިމުވެ ތިބެ ކުރި މަސައްކަތަކީ ޠާލިބާނުންނާއި އަލްގައިދާ ބަލި ކުރުމެވެ. ނަމަވެސް އެކަން އެމެރިކާ އަށް ކާމިޔާބު ވެފައެއް ނުވެއެވެ.

2001 ވަނަ އަހަރުގެ ސެޕްޓެމްބަރ 11 ވަނަ ދުވަހު އެމެރިކަން އެއާލައިންގެ ފްލައިޓަކާއި ޔުނައިޓެޑް އެއާލައިންގެ ފްލައިޓެއް ހައިޖެކްކޮށްގެން ދިން ވަރުގަދަ ނިރުބަވެރި ހަމަލާގައި 3000 ވަރަކަށް މީހުން މަރުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކިޔޫ

    11/9 ގެ ހަމަލާއަކީ ސީދާ އިޒުރޭލްގެ ހަމަލާއެއްކަމަށް ތިހަމާލާ ދިރާސާކުރި ފަރާތްތަކުން ތުހުމަތު ކުރޭ..އެދުވަސްކޮޅު ހުޅަނގުގެ ލިޔުންތެރިންގެ އެކިއެކި އާޓިކަލްތަކުގަ މިކަން ފާޅުކަން ބޮޑު ގޮތެއްގަ ހާމަކޮށްފަ ވާކަން ފާހަނގަ ކޮށްލަން..އެކަމަކު އޭރުވެސް މިހާރުވެސް މިހަމަލާ ދީފަ އެޅުވީ އަދި އަޅުވަނީ މުސްލިމުންގެ ބޮލުގަ..އެއީ މުސްލިމް ޤައުމުތަކަށް އަރައިގަތުމަށް ހޯދައިގަތް ސަބަބެއް..އިރާޤަށް އެރީ މިހަލާއާ ގުޅުވާފަ ކްލަސްޓަރ ބޮން ހުރިކަމަށް ތުހުމަތު ކޮށްފަ..އިރާޤު ފުނޑައި ހިމުން ކޮށްލިއިރުވެސް އެބުނާ ކްލަސްޓަރ ބޮމެއް ހޯދާ ހޯދާވެސް ނުފެނުނު..އެކަމަކު އަދި އަދަށް ދާންދެންވެސް ބޮން ހޯދަނީ..ސީރިޔާ އަފްޤާން ގަވެސް ބޮން ހޯދަނީ...ވަގުތު ކުދިން މިކޮމެންޓު ޖަހައިދޭނެ ކަމެއް ނޭނގެ.