ޗައިނާއިން އަފްޣާނިސްތާނަށް 31 މިލިއަން ޑޮލަރުގެ އެހީ ދޭން ނިންމާފައިވާކަން ހާމަކޮށްފިއެވެ.

މި ނިންމުން ހާމަކޮށްފައިވަނީ ޗައިނާ އާއި އަފްޣާނިސްތާނާއި، އީރާން، ޕާކިސްތާން، ތަޖިކިސްތާން އަދި ޓާކްމެނިސްތާނުގެ ފޮރިން މިނިސްޓަރުންގެ މެދުގައި ބޭއްވުނު ބައްދަލުވުމެއްގެ ތެެރެއިން ޗައިނާގެ ފޮރިން މިނިސްޓަރު ވަންގް ޔީއެވެ.

ވަންގް ވިދާޅުވީ އަފްޣާނިސްތާނަށް ދޭން ނިންމާފައިވާ އެހީތަކުގެ ތެރޭގައި ސީރިއަލްއާއި، ފިނި މޫސުމަށް ތައްޔާރުވުމަށް ބޭނުންވާ ސާމާނާއި، ސިއްހީ އާލާތްތައް އަދި 3 މިލިއަން ޑޯޒް ވެކްސިން ހިމެނޭ ކަމަށެވެ. އަދި މީގެ އިތުރުން އޭނާ ވިދާޅުވެފައިވަނީ އެގައުމަށް ކާރިސާއެއް ކުރިމަތިވެފައިވާ މި ދަނޑިވަޅުގައި ޗައިނާއިން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.

އަފްޣާނިސްތާނުގެ ވެރިކަމާއި މިދިޔަ މަހުގެ 15 ވަނަ ދުވަހު ތާލިބާނުން ހަވާލުވެ، އާ ސަރުކާރެއް އެކުލަވާލުމަށް ފަހު އެ ޖަމާއަތުން ބުނެފައިވަނީ ޗައިނާ އަކީ އެގައުމަށް މުހިންމު ބައިވެރިއެއް ކަމަށެވެ. އަދި ހަނގުރާމައިގެ ސަބަބުން ސުންނާފަތިވެފައިވާ އިމާރާތްތައް އަލުން އާބާދުކޮށް އަފްޣާނިސްތާނަކީ ތަރައްގީ ވެފައިވާ ގައުމަކަށް ހެދުމަށް ޗައިނާއަށް ވަރަށް ބޮޑަށް އެގައުމު ބަރޯސާވެފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.

ޗައިނާއިން ބޮޑު އެހީތެރިކަމެއް އަފްޣާނިސްތާނަށް ވެދީފައިވަނީ އެގައުމުން އަފްޣާނަށް ފަންޑުކޮށް، ގުޅުން ބަދަހިކުރަން މަސައްކަތް ކުރާނެކަން ކަށަވަރުވާކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑެން ވިދާޅުވެފައިވަނިކޮށެވެ.

ޗައިނާ ފަދަ ބޮޑެތި ގައުމުތަކުން ތާލިބާން ޖަމާއަތަށް ފަންޑް ކުރަން ފަށާފާނެ ކަމުގެ ބިރު ހީވެފައިވާ ކަމަށް އިގްތިސާދީކަންކަން ދިރާސާކުރާ ބައެއް ފަރާތްތަކުން މީގެކުރިން ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އއ

    ހުޅަނގަށްވެސް އަދި އެހެން ބަޔަކަށްވެސް (ކުރުކޮށް ބުނަންޏާ ދުނިޔޭގެ ވަކިބަޔަކަށް) މުޅި ދުނިޔެ ކޮންޓްރޯލް ކުރުމަކީ ވަރަށް އުނދަގޫކަމަކަށްވާނީ.