ކުޑަކުދިންގެ ހައްގުތައް ކަށަވަރު ކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ބޮޑެތި މީހުންގެ އުމުރަށް ނުދާ އަންހެން ކުދިންނާއި ކައިވެނި ކުރުމާއި ދެކޮޅަށް އެންމެ ބޮޑަށް އަޑުއުފުލާ އެއްގައުމަކީ އެމެރިކާ އެވެ. ކުޑަކުދިންނާއި ކައިވެނި ކުރުމާއި ދެކޮޅަށް އަޑުއުފުލައި އެކަމަށް އެންމެ ބޮޑަށް ފާޑުކިޔަމުން ދަނީ އެމެރިކާ ކަމަށް ވީނަމަވެސް އެމެރިކާ އަކީ ވެސް ކުޑަކުދިން ކައިވެނި ކުރުން ގިނަ ގައުމެކެވެ. ނަމަވެސް މިފަހަރު މިއޮތީ އެމެރިކާގެ ވާހަކައެއް ނޫނެވެ.

އަފްޣާނިސްތާންގެ 60 އަހަރުގެ ފިރިހެނަކު 12 އަހަރުގެ ކުއްޖަކާއި "ކައިވެނިކޮށްގެން" އުޅެނިކޮށް އެ "ދެމަފިރިންނަށް" އެމެރިކާ އިން ހިމާޔަތް ދީފިއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި 60 އަހަރުގެ ފިރިހެން މީހާ އާއި 12 އަހަރުގެ އަންހެން ކުއްޖާ އެމެރިކާ އަށް ގެންގޮސްފައި ވަނީ އަފްޣާނިސްތާންގައި ތިބި އެމެރިކާ ރައްޔިތުން އަފްޣާނިސްތާނަށް ގެންދިއުމުގެ މަސައްކަތް ކުރަމުން ގެންދިޔައިރު އެމެރިކާގެ އަސްކަރީ ފްލައިޓެއްގައެވެ.

އަންހެން ކުއްޖާ ވަނީ އެމީހުން ދަތުރުކުރި ފްލައިޓް އަބޫދާބީގައި މަޑުކުރުމުން އުމުރުން ދުވަސްވީ ފިރިހެނަކު އޭނާ ރޭޕް ކުރަމުންދާކަން ބޯޑާ އޮފިޝަލެއް ކައިރީ ބުނެފައެވެ. އެމައުލޫމާތު އެމެރިކާގެ ކަމާބެހޭ ފަރާތްތަކާއި އަބޫދާބީގެ އޮފިޝަލުން ހިއްސާކުރިއެވެ. ނަމަވެސް އެމައުލޫމާތަށް އެމެރިކާ އިން އެއްވެސް ފިޔަވަޅެއް ނޭޅިއެވެ.

ޠާލިބާނުން އަފްޣާނިސްތާން ހިފުމުން އެމެރިކާ އިން ވަނީ އެމެރިކާ ރައްޔިތުންނާއި އެމެރިކާ އަށް އެހީތެރިވި އަފްޣާނިސްތާން ރައްޔިތުން ހިމެނޭ ގޮތަށް 124000 މީހުން އެމެރިކާ އަށް ގެންގޮސްފައެވެ.

ކުޑަ އަންހެން ކުއްޖަކާއި ކައިވެނި ކޮށްގެން ހުރި ފިރިހެން މީހާއަށް އެމެރިކާ އަށް އެތެރެވެވިފައިވާ ކަމަށް މީޑިއާގައި ރިޕޯޓް ކުރުމުން ވައިޓްހައުސް އިން ބުނީ އަފްޣާނިސްތާނުން އެމެރިކާ އަށް ދަތުރުކުރި އަފްޣާނިސްތާން ގިނަ ރައްޔިތުން އަދި ތިބީ ސްކްރީން ނުކޮށް ކަމަށެވެ. އެމީހުން ކުރިން ކޮށްފައިވާ ކަންކަން ސްކްރީން ކުރުމަށް ފަހު ދެން އަޅަން ޖެހޭ ފިޔަވަޅޔތައް އަޅަމުން ގެންދާނެ ކަމަށް ވައިޓްހައުސް އިން ވަނީ ބުނެފައެވެ.

އެމެރިކާ އިން އެހެން ބުނި ނަމަވެސް އެމެރިކާ އަށް ގެންދިޔަ އަފްޣާނިސްތާން ރައްޔިތުންނަށް ފްލައިޓަށް އަރަން ވެސް ފުރުސަތު ދިނީ ގިނަ ލިޔެކިޔުންތަކެއް ބެލުމަށް ފަހު ކަމަށެވެ.