ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރަން ސްރީލަންކާ ފުރަބަންދު (ލޮކްޑައުން) ކޮށްފައި އޮތް މުއްދަތު ސެޕްޓެމްބަރު މަހުގެ 21 ވަނަ ދުވަހާއި ހަމައަށް އިތުރު ކޮށްފިއެވެ.

އެ ގައުމު ފުރަބަންދުކޮށް، ފިޔަަވަޅުތަކެއް އަޅާފައި ވަނީ ކޮވިޑް-19ގެ ޑެލްޓާ ވޭރިއެންޓް ހަލުވިކަމާއެކު ފެތުރެމުންދާތީއެވެ. އެ ގައުމުގެ ހެލްތް މިނިސްޓަރ ކެހެލިޔާ ރަމްބުކްވެލާ ވިދާޅުވީ، ކޮވިޑަށް ފައްސިވާ އަދަދުތައް މިހާރު މަދުންމަދުން ދަަށްވަމުންދިޔަ ނަމަވެސް، ލަންކާ ހުޅުވާލަން ސަރުކާރުން ބޭނުންވަނީ އެއްވެސް ހިރާސްއެއް ނެތް ގޮތަށް ކަމަށެވެ.

އެ ގައުމުގައި ކޮވިޑްގެ ޑެލްޓާ ވޭރިއެންޓް ވަރަށް ބޮޑަށް ފެތުރެމުންދާތީ ފުރަތަމަ ފުރަބަންދު ކުރީ އޮގަސްޓް 20 ވަނަ ދުވަހުއެވެ. އެފަހަރު 10 ދުވަހަށް ފުރަބަންދު ކުރިއިރު، ފަހުން ސެޕްޓެމްބަރު 13 ވަނަ ދުވަހަށް ފުރަބަންދުގެ މުއްދަތު އިތުރުކުރިއެވެ. އަދި މިހާރު ވަނީ ތިން ވަނަ ފަހަރަށް ފުރަބަންދުގެ މުއްދަތު އިތުރުކޮށް، ސެޕްޓެމްބަރު 21ގެ ނިޔަލަށް ދަންމާލާފައެވެ.

ޑެލްޓާ ވޭރިއެންޓް ފެތުރެމުންދާތީ ސިއްހީ މާހިރުން ސަރުކާރަށް ގޮވާލާފައި ވަނީ ހަތަރު ހަފްތާ ވަންދެން ލަންކާ ފުރަބަންދު ކުރުމަށެވެ.

ލަންކާއިން މިހާތަަނަށް 477,636 މީހަކު ވަނީ ކޮވިޑަށް ފައްސިވެފައެވެ. އޭގެ ތެރެއިން 10,864 މީހަކު ވަނީ ކޮވިޑް ބަލީގައި މަރުވެފައެވެ.