އިސްރާއީލްގެ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފައިވާ ޖަލަކުން ފިލި ފަލަސްތީނުގެ ހަ މީހުންގެ ތެރެއިން ދެ މީހަކު އަތުލައިގެންފައިވާ ކަމަށް އިސްރާއީލުން ބުނެފިއެވެ.

އިސްރާއީލުން ބުނީ އެ ގައުމުގެ ޖަލަކުން ފިލާފައިވާ ފަލަސްތީނުގެ ހަ ގައިދީންގެ ތެރެއިން ދެމީހަކު ހައްޔަރުކޮށްފައި ވަނީ ހުކުރު ދުވަހު ކަމަށެވެ. ދެ ގައިދީއަކު ހައްޔަރުކުރުމާ ގުޅިގެން ފަލަސްތީނުން ވަނީ އިސްރާއީލަސް ރޮކެޓް ހަމަލާތަކެއް ދީފައެވެ. މި ހަމަލާތަކުގެ ޒިންމާ އަދި އެއްވެސް ފަރާތަކުން ނުނަގައެވެ.

ފަލްސްތީނުގެ ދެ ގައިދީން އަތުލައިގަތީ އިސްރާއީލްގެ އުތުރުގައި އޮންނަ އަރަބިން ގިނަ ސިޓީއެއް ކަމަށްވާ ނަޒެރަތްއިން ކަމަށް އިސްރާއީލުން ބުނެއެވެ. އެ ގައުމުން ބުނީ މިހާރު ހައްޔަރުކުރެވިފައި ވަނީ ފަލަސްތީނުގެ ދެ ގައިދީން ކަމަށްވާ މަހްމޫދް އަރާދަތް އާއި ޔާގުބް ކަދާރީއެވެ.

އިސްރާއީލުގެ ހުޅަނގު އައްސޭރީގައި އެ ގައުމުގެ ސިފައިން ހަރަކާތްތެރިވަމުންދާއިރު ފަލަސްދީނުގެ ގައިދީން އިސްރާއީލް ޖަލުން ފިލިކަން އެ ޖަލުގައި ސަލާމަތީ ކަންކަން ބަލަހައްޓާ ފަރާތްކަށް އެނގުނީ އާންމުންގެ ބަޔަކަށް ގައިދީން ފެނި އެ މައުލޫމާތު ކަމާބެހޭ ފަރާތްތަކާ ހިއްސާކުރުމުންނެވެ.

ގައިދީން ހޯދުމުގެ މަސައްކަތުގައި އިސްރާއީލް ފުލުހުން ދަނީ ވަސް ދެނެގަންނަ ކުއްތާތައް ވެސް ބޭނުންކުރަމުންނެވެ. އެ ގައުމުގެ މީޑިއާތަކުން ރިޕޯޓުކުރާގޮތުގައި ހަ ގައިދީންވެސް ތިބީ އެއް ޖަލުގޮޅިއެއްގައެވެ. އަދި އެމީހުން ފިލާފައި ވަނީ އެ ޖަލުގޮޅީގެ ފާހަނާގައި ބިންގަރާހެއް ކޮނެ ޖަލުން ބޭރަށް ނުކުމެވޭ ގޮތް ހަދައިގެންނެވެ. އަދި އެ ގައިދީންނަށް އެހެން ބަޔަކު އެހީތެރިވެފައިވާކަމުގެ ވާހަކަތަކެއްވެސް މިހާރު ދެކެވެމުންދެއެވެ.

ގައިދީން ބިންގަރާސްތަކުން މައްޗަށް އަރާ މަންޒަރު ޖަލުގައި ހުރި ސީސީޓީވީ ކެމެރާތަކުން ފެންނައިރު އެވަގުތު ޖަލުގެ ފާރަވެރިން ތިބީ ނިދާފައި ކަމަށް އެ ގައުމުގެ ކަމާބެހޭ އިދާރާތަކުން ބުނެފައިވެއެވެ. އަދި އިތުރު ބިންގަރާސްތަކެއް ޖަލުގައި ހުރިތޯ ބެލުމުގެ މަސައްކަތްވެސް މިހާރު ދަނީ ކުރެވެމުންނެވެ.