އެމެރިކާ ސަރުކާރުގެ އެތައް ލައްކަ ސިއްރު ލިޔުންތަކެއް ލީކް ކޮށްލި ވިކިލީކްސްގެ ފައުންޑަރ ޖޫލިއާ އަސާންޖް ޖަލުގައި ހުރެ ކައިވެނި ކުރުމުގެ ހުއްދަ އިނގިރޭސިވިލާތުގެ ޖަލުތަކާއި ބެހޭ އިދާރާ އިން ދީފިއެވެ.

އަސާންޖް އިނގިރޭސިވިލާތުގެ ޖަލުގައި މިހާރު ބަންދުކޮށްފައި ހުރީ އޭނާ އެމެރިކާ ސަރުކާރާއި ހަވާލު ކުރުމާއިމެދު ކޯޓުން ގޮތެއް ނިންމަންދެނެވެ. އަސާންޖް އެމެރިކާ އާއި ހަވާލު ނުކުރެވޭނެ ކަމަށް ދަށު ކޯޓުން ނިންމި ނިންމުން މިހާރު ވަނީ އިސްތިއުނާފު ކޮށްފައެވެ.

އަސާންޖް ކައިވެނި ކުރަން ތައްޔާރުވަމުން އަންނަނީ ދެކުނު އެފްރިކާއަށް އުފަން ނަމަވެސް އިނގިރޭސިވިލާތުގައި ދިރިއުޅެމުން އަންނަ ގާނޫނީ ވަކީލެއް ކަމަށްވާ މޮރިސް އާއިއެވެ. އަސާންޖް އާއި މޮރިސް އަށް ވަނީ އެއްމާބަނޑު ދެކުދިން ލިބިފައެވެ.

މޮރިސް އަންނަނީ 2011 ވަނަ އަހަރުން ފެށިގެން އަސާންޖްގެ ވަކީލުންގެ ޓީމްގައި މަސައްކަތް ކުރަމުންނެވެ. ނަމަވެސް ދެމީހުންގެ ދެމެދުގައި ލޯބީގެ ގުޅުމެއް އުފެދުނީ 2015 ވަނަ އަހަރު އެވެ. އެއީ އަސާންޖް ލަންޑަންގައި ހުންނަ އިކްއެެޑޯ އެމްބަސީގައި ބަންދުވެގެން ހުރި ދުވަސްވަރު އެވެ.

އިނގިރޭސިވިލާތުގެ ގޫނޫނުތައް ބުނާ ގޮތުން އެގައުމުގެ ޖަލުތަކުގައި ތިބޭ ގައިދީން ކައިވެނި ކުރަން ހުށަހަޅައިފިނަމަ އެކަމުގެ އިންތިޒާމްތައް އިދާރާތަކުން ހަމަޖައްސައިދޭން ޖެހޭނެއެވެ. ނަމަވެސް ކައިވެނި ކުރުމަށްޓަކައި ކުރަން ޖެހޭ ހުރިހާ ހަރަދެއް ކުރަން ޖެހޭނީ ގައިދީއެވެ.

އަސާންޖް އާއި މޮރިސް ކައިވެނި ކުރުމުގެ ހުއްދަ ގައިދީންނާއި ގުޅޭ ކަންކަން ކުރާ އިދާރާ އިން ދިން ނަމަވެސް އަދި ދެމީހުން ކައިވެނި ކުރާނެ ތާރީހެއް އިއުލާނެއް ނުކުރެއެވެ.