ސޫދާން ބަޣާވާތުގައި ސަލާމަތީ ބާރުތަކުން އިތުރު 15 މީހެއްގެ ގަޔަށް ބަޑިޖަހައި މަރާލައި އެތައް ބަޔަކު ޒަހަމްކޮށްލައިފިއެވެ.

މިދިޔަ މަހު ސޫދާނުގައި ގެނައި ބަޣާވާތާ ދެކޮޅަށް ކުރަމުންދާ މުޒާހަރާތަކުގައި އެތައް ހާސް ބަޔަކު އަންނަނީ ބައިވެރިވަމުންނެވެ. މި މުޒާހަރާތައް ރޫޅާލުމަށް ސިފައިން އަންނަނީ ބާރުގެ ބޭނުން ކުރަމުންނެވެ.

އަސްކަރިއްޔާއިން ވެރިކަން އަތުލި ފަހުން ކުރި މުޒާހަރާތަކާ ގުޅިގެން މިހާތަނަށް ސޫދާނުގެ ސިފައިން މެރި މީހުންގެ ޖުމުލަ އަދަދު ވަނީ 39 އަކަށް އަރާފައި ކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި އިތުރު އެތައް ސަތޭކަ ބަޔަކު ޒަހަމްވެފައިވާ ކަމަށް ބުނެފައިވެއެވެ.

މުޒާހަރާގެ ބައިވެރިން ޚަރްތޫމް އާއި އެ ގައުމުގެ ދެ ސިޓީ ކަމަށްވާ ބަހްރީ އާއި އޮމްދުރްމަންގެ އަވަށްތަކުގައި އިއްޔެ މުޒާހަރާ ކުރިޔަށް ގެންގޮސްފައިވަނީ މުޒާހަރާ ރޫޅާލުމަށް ސޫދާންގެ ސިފައިން ކަރުނަގޭސް ޖަހައި، މޯބައިލް ފޯނުގެ މުވާސަލާތީ ވަސީލަތްތައް ކަނޑާލައި، މުޒާހަރާވެރިންނާއި ދެކޮޅަށް ބަޑީގެ ހަމަލާތަކެއް ދީފައިވަނިކޮށެވެ.

ލައިވް ވަޒަން ބޭނުންކޮށްގެން ބަޑީގެ ހަމަލާތައް ދީފައިވާ ކަމަށް ފުލުހުން ވަނީ އިންކާރު ކޮށްފައެވެ.

ޑޮކްޓަރުންގެ ޔޫނިއަނުން ބުނީ ޒަހަމްވި ގިނަ މީހުންގެ ގަޔަށް ބަޑިޖަހާފައިވަނީ ބޮލާއި، ކަނދުރާއަށް ކަމަށެވެ. ސޫދާންގެ ޑޮކްޓަރުންގެ ސެންޓްރަލް ކޮމިޓީ (ސީސީއެސްޑީ) އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ސަލާމަތީ ބާރުތަކުން ބަޑީގެ ބޭނުންކޮށް މުޒާހަރާގައި ހަރަކާތްތެރިވި ގިނަ ބަޔަކަށް ހަމަލާދީފައިވާ ކަމަށެވެ. އަދި އެ ހަމަލާތަކުގެ ސަބަބުން ބައެއް މީހުންގެ ހާލު ސީރިއަސްކަން ފާހަގަ ކޮށްފައިވެއެވެ.

ބަޣާވާތާ ގުޅިގެން އެމެރިކާއިން ސޫދާނަށް ދޭ 700 މިލިއަން ޑޮލަރާ ގާތްކުރާ އަދަދަކަށް އެހީ ވެސް ވަނީ މެދުކަނޑާލައިފައެވެ. މީޑިއާ ރިޕޯޓުތަައް ބުނާގޮތުން، މިދިޔަ މަހު ގެނައި ބަޣާވާތަށް ފަހު، ސަރުކާރުގެ 100 އަށް ވުރެ ގިނަ އޮފިޝަލުންނާއި ސިޔާސީ ލީޑަރުންގެ އިތުރުން ގިނަ އަދަދެއްގެ އެކްޓިވިސްޓުން ވަނީ ހައްޔަރު ކޮށްފައެވެ.