އޮސްޓްރޭލިއާގައި ފްލައިޓެއް ވެއްޓި ހަތަރު މީހަކު މަރުވެއްޖެއެވެ.

އޮސްޓްރޭލިއާގެ ކުއީންސްލޭންޑުގެ ފުލުހުން ބުނެފައިވަނީ އެ ހަތަރު މީހުން މަރުވެފައިވަނީ ކުޑަ މަތިންދާބޯޓެއް އެގައުމުގެ ރެޑްކްލިފްގެ އައްސޭރިފަށަށް ކަމަށް މިއަދު ހެނދުނު 9:00 އެހާކަންހާއިރު ކަމަށެވެ.

"މި ހިތާމަވެރި ހާދިސާއާއި ގުޅިގެން ގިނަ އޭޖެންސީތަކާއި ފުލުހުންގެ އިތުރުން ޑައިވަރުން އަންނަނީ ފްލައިޓު ވެއްޓުނު ސަރަހައްދު ބަލަމުން" ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

ކުއީންސްލޭންޑުގެ ފުލުހުންގެ ކޮމިޝަނަރ ކަޓަރީނާ ކަރޮލް މީޑިއާތަކަށް މައުލޫމާތު ދެމުން ބުނެފައިވަނީ މިހާދިސާއާއި ގުޅިގެން މިވަގުތު ބައެއް ކަހަލަ ދަތިތައް ކުރިމަތިވާ ކަމަށެވެ.

"މަތިންދާބޯޓު އޮތީ ވަރަށް އުނދަގޫ ހާލަތެއްގައި. އެސަރަހައްދަކީ ވަރަށް ފުން ސަރަހައްދެއް. އެހެންކަމުން މިހާރު ޑައިވަރުންނާއި އެކީ މި ދަނީ އެސަރަހައްދު ބަލަމުން" ކަޓަރީނާ ބުންޏެވެ.

އޭނާ އިތުރަށް ބުނީ، ފްލައިޓު ވެއްޓުނު ހާދިސާގައި މަރުވި ހަތަރު މީހުންނަކީ އެ ފްލައިޓުން ހަމަ އެކަނި ދަތުރު ކުރި މީހުން ކަމަށެވެ. އެހެން ނަމަވެސް އެ ފްލައިޓަކީ އެއީ ކޮން ސަރަހައްދަކުން ކޮން ސަރަހައްދަކަށް ދިޔަ ފްލައިޓެއް ކަމަށް ފުލުހުން ހާމަ ކޮށްފައެއް ނުވެއެވެ.

ދުނިޔޭގެ ބޮޑެތި ގައުމުތަކުގައި ދަތުރު ކުރާ މިފަދަ ކުދި ފްލައިޓްތައް ވެއްޓުމުގެ ހާދިސާތައް ދޭތެރެ ދޭތެރެއިން ދިމާވެއެވެ. މިފަދަ ހާދިސާތަކުގައި ގިނަ ބަޔަކު މަރުވެފައިވާކަން ވެސް ފާހަގަ ކޮށްލެވެއެވެ.