ކޮވިޑް-19ގެ އާ ވައްތަރު ކަމަށްވާ އޮމިކްރޮންއަށް އެ ގައުމުގެ މީހަކު ފުރަތަަމަ ފަހަރަށް ފައްސިވުމާއި ގުޅިގެން، ތައިލެންޑަށް އެތެރެވާ މީހުން ކަރަންޓީންވުން މަޖުބޫރުކޮށްފިއެވެ.

ތައިލެންޑުން ނިންމާފައި ވަނީ އެ ގައުމަށް އެތެރެވާ މީހުން 10-7 ދުވަހަށް ކަރަންޓިން ކުރުމަށެވެ.

ތައިލެންޑްގެ މި ނިންމުމާއެކު އެ ގައުމުގައި ކުރިއަށްގެންދާ "ޓެސްޓް އެންޑް ގޯ" ޕްރޮގްރާމް މިހާރު ވަނީ މެދުކަނޑާލާފައެވެ.

މި ޕްރޮގްރާމްގެ ދަށުން ނޮވެމްބަރު މަހުން ފެށިގެން އެތެރެވާ މީހުން ކަަރަންޓީންވާން ޖެހެނީ 24 ގަޑިއިރަށެވެ.

މީގެ އިތުރުން އެގައުމުން ކުރިއަށްގެންދިޔަ "ސޭންޑްބޮކްސް" ޕްރޮގްރާމްވެސް ފުކެޓް ނޫން ހުރިހާ ސަރަހައްދެއްގައި ވަނީ މެދުކަނޑާލާފައެވެ.

މި ޕްރޮގްރާމްގެ ދަށުން ފުކެޓަށް އެތެރެވާ މީހުންނަށް ފުކެޓްގެ ކޮންމެ ތަނެއްގައިވެސް އުޅެވޭނެއެވެ. ނަމަވެސް ހަތް ދުވަސް ވަންދެން ފުކެޓްގައި މަޑުކުރަން ޖެހޭނެއެވެ.

"ސޭންޑްބޮކްސް" އިން އެތެރެވާ މީހުން ހަތް ދުވަހަށް ފަހު ބެންގްކޮކަށް އެތެރެވުމުގެ ފުރުސަތު ލިބޭނެއެވެ. ނަމަވެސް ފުރަތަމަ ދާން ޖެހޭނީ ބެންކޮކްގައި ޓްރާންސިޓް ނުވެ ސީދާ ފުކެޓަށް ދާ ފްލައިޓެއްގައެވެ.

އެ ގައުމަށް ޖެނުއަރީ ހަތަރުވަނަ ދުވަހާއި ހަމައަށް އެތެރެވެވޭނީ "ޓެސްޓް އެންޑް ގޯ"ގެ ދަށުން އިއްޔެއާ ހަަމައަށް ރެޖިސްޓަރ ވެފައި ތިބި ދެ ލައްކަ މީހުންނަށެވެ. ޖެނުއަރީ ހަތަރު ވަނަ ދުވަހާއި ހަމައަށް މި އުސޫލަށް އަމަލު ކުރާއިރު، އޭގެ ފަހުން އަނެއްކާވެސް ގޮތެއް ނިންމާނެއެެވެ.

ތައިލެންޑްގައި "ޓެސްޓް އެންޑް ގޯ" ޕްރޮގްރާމް ފެށިފަހުން ބެންކޮކް އެއާޕޯޓަް ދުވާލަަކު 30،000 މީހުން އެތެރެވެފައިވެއެވެ. އޭގެ ކުރިން އެ އެއާޕޯޓަށް ދުވާލަކު އެތެރެވަނީ 6،000 އެއްހާ މީހުންނެވެ.

ކޮވިޑްގެ ކުރިން، 2019 ވަނަ އަހަރު ތައިލެންޑަށް 40 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައި ވެއެވެ.

އެހެން ނަމަވެސް ކޮވިޑާއެކު އެ އަދަދު ވަނީ ވަރަށް ބޮޑަށް މަދުވެފައެވެ.

ކޮވިޑްގެ އާ ވައްތަރު އޮމިކްރޮންއާ ގުޅިގެން ދުނިޔޭގެ އެކި ހިސާބުތަކުގައި ފިޔަވަޅުތައް ދަނީ ވަރުގަދަ ކުރަމުންނެވެ.