ކޮވިޑް-19 އާއި ދެކޮޅަށް މަސައްކަތް ކުރުމަށް އެމެރިކާއިން އެހީގެ ގޮތުގައި 580 މިލިއަން ޑޮލަރު ދޭން ނިންމައިިފިއެވެ.

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންޓޮނީ ބްލިންކެން ވިދާޅުވީ، ކޮވިޑް-19އާ ދެކޮޅަށް މަސައްކަތް ކުރުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއު.އެޗް.އޯ) އާއި، އދގެ ކުޑަކުދިންގެ ފަންޑާއި، ދުނިޔޭގެ އެހީދޭ އިތުރު ފަސް ޖަމާއަތަކަށް އެމެރިކާއިން އިތުރު 580 މިލިއަން އެމެރިކާ ޑޮލަރު ހަދިޔާކުރަން ނިންމާފައިވާ ކަމަށެވެ.

އެމެރިކާއިން އިތުރު އެހީއެއް ދޭން ނިންމާފައިވަނީ، ދެކުނު އެފްރިކާއިން އަލަށް ދެނެގަނެވުނު ކޮވިޑް-19 ވޭރިއެންޓްގެ ވޭދަނަތައް އެމެރިކާއިން ފެނިފައިވަނިކޮށެވެ. އެގޮތުން، އެގައުމުން ކޮވިޑަށް ފައްސިވާ މީހުންގެ 73 އިންސައްތަ ހިއްސާކުރަނީ އޮމިކްރޮން ވޭރިއެންޓް ކަމަށް ރިޕޯޓުތައް ބުނެއެވެ.

އެމެރިކާއިން ވަނީ މީގެ ކުރިންވެސް ގައުމުތަކަށް ކޮވިޑުން ރައްކާތެރިވުމަށް ވެކްސިނާއި، އިތުރު އެހެން އެހީތައް ވެސް ފޯރުކޮށްދީފައެވެ.

ޑަބްލިއުއެޗްއޯއިން ބުނީ ކޮވިޑް-19 އިން ދިފާއުވުމަށް ވެކްސިންގެ ދެޑޯޒް ފުރިހަމަ ކޮށްފައި ތިބި މީހުންނަށް ވެސް އޮމިކްރޮން ވޭރިއަންޓް ޖެހޭކަން ކަށަވަރު ކުރެވިފައިވާ ކަމަށެވެ. އަދި ކޮވިޑް ޖެހިފައި ރަނގަޅުވެފައިވާ މީހުންނަށް ވެސް މި ވޭރިއެންޓް ޖެހޭ ކަމަށް އެ ޖަމްއިއްޔާއިން ބުނެފައިވެއެވެ.

ކޮވިޑް-19 އިން ދިފާއުވުމަށް ވެކްސިން ފުރިހަމަ ކޮށްފައިވާ މީހުންނަށާއި އަދި ކުރިން ކޮވިޑް ޖެހިފައިވާ މީހުންނަށް ވެސް އޮމިކްރޮން ވޭރިއެންޓް ޖެހޭ ކަމަށް ބައެއް ގައުމުތަކުން ރިޕޯޓު ކޮށްފައިވެއެވެ.

އޮމިކްރޮން ވޭރިއަންޓްގެ ނުރައްކާތެރިކަމާއި، އޮމިކްރޮން ފެތުރެމުންދާ ހަލުވިމިނަށް ބަލައި ހާލަތު ގޯސްވެދާނެ ކަމަށް ޑަބްލިއުއެޗްއޯއިން ވަނީ އިންޒާރު ދީފައެވެ. އާންމު ސިއްހަތު ރައްކާތެރިކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ޗުއްޓީ ދަތުރުތައް ކެންސަލް ކުރަން ވެސް ޑަބްލިއުއެޗްއޯއިން ވަނީ ގޮވާލައިފައެވެ.