އެހެން އަހަރުތަކުގެ ފަހުކޮޅާއި އެއްގޮތަށް މި އަހަރުގެ ފަހުދުވަސްކޮޅުވެސް ހުޅަނގު އޮސްޓްރޭލިޔާގެ މަގުތައް ރަތް ކަކުނިން ފުރާލައިފި އެވެ.

ކަމާބެހޭ ފަރާތްތަކާއި ހަވާލަދީ މީޑިޔާ ރިޕޯޓްތައް ބުނާގޮތުގައި އެހެން އަހަރުތަކާއި ހިލާފަށް މި އަހަރު ކަކުނިތަކުގެ ނިސްބަތް ވަނީ އާދަޔާ ހިލާފަށް އިތުރުވެފައެވެ. އެގޮތުން ކަކުނިތަކުގެ ނިސްބަތް ގާތްގަނޑަކަށް 50 މިލިއަނަށް އަރާނެ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

އެކި ހިސާބުތަކުގެ މަގުތައް މަތީގައި ކަކުނިތައް ދުވަމުންދާއިރު އެ ސަރަހައްދުތަކުން ދަތުރުފަތުރުކުރުމަށްވެސް އުނދަގޫތަކާއި ވަނީ ކުރިމަތިލާން ޖެހިފައެވެ. އަދި ބައެއް ހިސާބުތަކުގައި އާންމުން މަގުތަކަށް ނުކުމެއް ކަކުނިތައް އެއްފަރާތް ކުރަމުންދާކަންވެސް ފާހަގަ ކުރެވެއެވެ.

ކަކުނިތައް އެއްފަރާތް ކުރަން އުޅޭ ދެ ކުދިން

އުމުރުން 12 އަހަރުގެ މިޝޭލް މެކްނައިޓް ބުނި ގޮތުގައި އެތައް ގަޑިއިރެއް ވަންދެން އޭނާ ކަކުނިތައް މަގުމަތިން އެއްފަރާތް ކުރުުމުގައި އުޅޭ ކަމަށެވެ. ގާތްގަނޑަކަށް ކޮންމެ ދުވަހެއްގެ ހެނދުނުވެސް ބޭރަށް ނުކުމެ މަގުމަތީގައި ދުއްވާ އުޅަނދުތަކުން ކަކުނިތައް ސަލާމަތް ކުރުމަށް ކަކުނިތައް އެއްފަރާތް ކުރާކަމަށް މިޝޭލް ބުންޏެވެ.

"މިފަހަރު މި އޮތީ ވަރަށް ބޮޑު ކަކުނީގެ އާބާދީއެއް. އެހެންވެ ވަރަށް ގިނަ މަސައްކަތް ކުރަން ޖެހުނު، އެންމެން ވެސް ވަރަށް ބޮޑަށް ސަމާލުވާން ޖެހުނު." މިޝޭލް ކިޔައިދިނެވެ.

ކަކުނިތައް ކޮންމެ އަހަރަކުވެސް އޮސްޓްރޭލިޔާގެ މި ހިސާބުތަކުން ކަކުނިތައް ދަތުރުކުރާއިރު މިއީ އާ ކަމެއް ނޫންކަމަށް މި ހިސާބުގައި އުޅޭ މީހުން ބުނެއެވެ. އަދި ކަކުނިތައް ހިޖުރަކުރާ ދުވަސްކޮޅު އަންނަންވާއިރަށް އެންމެވެސް ތައްޔާރުވާކަމަށް ވެއެވެ. އެގޮތުން ބޭރަށް ނުކުމެ އުޅުން މަދުކޮށް ދުވަސްކޮޅަކަށް ވާވަރަށް ގެއަށް ކާބޯތަކެތި ވެއްދުން ތައްޔާރުވުމުގެ ގޮތުން ކުރާ ކަންކަމުގެ ތެރޭގައި ހިމެނެއެވެ.