ޓިއުނީޝިއާގެ ކުރީގެ ރައީސް މުންސެފް މަރްޒޫކީ ހަތަރު އަހަރަށް ޖަލަށްލާން ހުކުމް ކޮށްފިއެވެ.

ދައުލަތުގެ މީޑިއާއިން ބުނެފައިވަނީ، ޓިއުނީޝިއާގެ ކުރީގެ ރައީސް މުންސެފް މަރްޒޫކީގެ ޣައިރު ހާޒިރުގައި ހަތަރު އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފައިވަނީ، ގައުމުގެ ސަލާމަތަށް ނުރައްކާވާ ކަންކަމަށް ގޮވާލައްވައި އެކަމަށް ހިތްވަރު ދެއްވިކަމުގެ ކުށް ސާބިތުވުމުން ކަމަށެވެ.

މީގެ ކުރިން ވެސް އޭނާ ވަނީ ގައުމުން ބޭރުގައި ހުންނަވައި، ޓިއުނީޝިއާގެ ސަރުކާރު ވައްޓާލުމަށް ހިތްވަރުދެއްވައި ސަރުކާރާ ދެކޮޅަށް މަގުމައްޗަށް ނުކުމެ ގައުމު ހަލަބޮލި ކޮށްލުމަށް އާންމުންނަށް ގޮވާލައްވާފައި ކަމަށް ރިޕޯޓު ކޮށްފައިވެއެވެ.

އިއްޔެ އެގައުމުގެ މީޑިއާތަކުން ރިޕޯޓުކޮށް ބުނީ، އޭނާގެ މައްޗަށް ސާބިތުވީ "ބޭރުން ދައުލަތުގެ ސަލާމަތަށް އުނިކަން އަންނަ ގޮތަށް" އަދި "ޑިޕްލޮމެޓިކް ގެއްލުމެއް" ދިން ކަމުގެ ކުށް ކަމަށެވެ. ހުކުމް އިއްވާފައިވަނީ އޭނާގެ ޣައިރު ހާޒިރުގައެވެ. އުމުރުން 76 އަހަރުގެ މަރްޒޫކީ ދިރިއުޅުއްވަނީ ފްރާންސުގައި ކަމަށް މީޑީއާތަކުން ރިޕޯޓު ކޮށްފައިވެއެވެ.

މަރްޒޫކީ ވަނީ އޭނާގެ މައްޗަށް ކޮށްފައިވާ ދައުވާއަށް އިންކާރު ކުރައްވާފައެވެ. އަލްޖަޒީރާ ނޫހަށް ދެއްވި ބަޔާނެއްގައި މަރްޒޫކީ ވަނީ އެ ހުކުމަކީ ޣައިރު ގާނޫނީ ހުކުމެއް ކަމަށް ވިދާޅުވެ، އެ ހުކުމާ ދެކޮޅު ހައްދަވާފައެވެ. އަދި އޭނާގެ މައްޗަށް ކޮށްފައިވާ ތުހުމަތުތަކަކީ މަކަރާއި، ހީލަތުގެ ތެރެއިން ކޮށްފައިވާ ތުހުމަތުތަކެއް ކަމަށް ވިދާޅުވިއެވެ.

ނަމަވެސް އެ ހުކުމް އިސްތިއުނާފު ކުރުމަށް އެއްވެސް ވަކީލެއްގެ ކިބައިން އެދިވަޑައިނުގަންނަވާނެ ކަމުގެ އިޝާރާތެއް މަރްޒޫކީ ދެއްވިއެވެ. އޭނާގެ ގާނޫނީ ވަކީލު ލާމިއާ ޚަމިރީ އޭއެފްޕީ ނިއުސް އޭޖެންސީއަށް މައުލޫމާތު ދެމުން ބުނީ މަރްޒޫކީގެ ޝަރީއަތާއި ގުޅިގެން އެއްވެސް މައުލޫމާތެއް ނޭންގޭ ކަމަށެވެ. އަދި އޭނާގެ މައްޗަށް ކުށް ސާބިތުވީ ކީއްވެކަން ވެސް ނޭނގޭ ކަމަށެވެ.

މަރްޒޫކީ އިތުރަށް ވިދާޅުވީ، އުމުރު ހުސްވަންދެން އޭނާގެ ގައުމުގައި ޑިކްޓޭޓާޝިޕާ ދެކޮޅަށް ހަނގުރާމަ ކުރައްވާނެ ކަމަށެވެ.