ސީރިއާގެ ކުރީގެ ކާނަލް އަންވަރު ރަސްލާން އުމުރަށް ޖަލަށްލާން ޖަރުމަނުގެ ކޯޓަކުން ހުކުމްކޮށްފިއެވެ.

ރަސްލާން އުމުރަށް ޖަލަށްލާން ހުކުމް ކޮށްފައިވަނީ މީގެ 10 ވަރަކަށް އަހަރު ކުރިން ދިމިޝްގުގެ ޖަލެއްގައި އިންސާނިއްޔަތާ ހިލާފު ޖަރީމާތަކެއް ހިންގި ކަމުގެ ކުށުގައެވެ.

ކޮބްލީންޒްގައި ހުންނަ ދައުލަތުގެ ކޯޓުން މިއަދު ކުރި ހުކުމަކީ އެތައް އަހަރެއް ވަންދެން ކުރި ހަނގުރާމައިގައި ރައީސް ބައްޝާރުލް އަސަދުގެ ސަރުކާރުގެ އަތްދަށުން އަނިޔާ ލިބެމުންދާ ސޫރިޔާގެ އެތައް ރައްޔިތުންނަކަށް އިންސާފު ހޯދައިދިނުމަށް އެޅުނު ފުރަތަމަ ފިޔަވަޅު ކަމަށް ރިޕޯޓުތައް ބުނެއެވެ.

"ގައިދީގެ މައްޗަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވަނީ މީހުން މެރުމާއި، އަނިޔާކުރުމާއި، މިނިވަންކަން ނިގުޅައިގަތުމުގެ ކުށާއި، ރޭޕްކުރުމާއި، ޖިންސީ ގޯނާކުރުމުގެ ކުށުގައި" ކޮބްލީންޒްގެ ކޯޓުން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވެއެވެ.

މިއީ ރަސްލާންގެ މައްޗަށް ދައުލަތުން ހިންގި ފުރަތަމަ ޖިނާއީ މައްސަލައެވެ.

ޕްރޮސެކިއުޓަރުން ވަނީ 2011 ވަނަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން 2012 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހާ ދެމެދު ސީރިއާގެ ވެރިރަށް އަލް ޚަތީބު ޖަލުގައި 4،000 އަށް ވުރެ ގިނަ މީހުންގެ "ސިސްޓަމެޓިކް އަދި އަނިޔާވެރި ޓޯޗާ" ސުޕަވައިޒްކޮށް، އޭގެ ސަބަބުން މަދުވެގެން 58 މީހުން މަރުވި ކަމަށް ބުނެ ރަސްލާންއާ ޖަދަލުކޮށްފައެވެ.

ޕްރޮސެކިއުޓަރުން ވިދާޅުވާ ގޮތުގައި ރޭޕް އާއި ޖިންސީ ގޯނާއާއި، އިލެކްޓްރިކް ޝޮކާއި، މިފަދަ އެތައް އަނިޔާތަކެއް ދެމުންދިޔަ މަންޒަރު އެފަރާތްތަކަށް ފެނިފައިވެއެވެ.