ފަގީރު ގައުމުތަކަށް ގިނައިން ލިބެނީ މުއްދަތު ހަމަވާން ކައިރިވެފައިވާ ކޮވިޑް-19ގެ ވެކްސިންކަމަށް ކުޑަކުދިންގެ ހައްގުތަކަށް މަސައްކަތްކުރާ އދގެ އިދާރާކަމަށްވާ ޔުނިސެފުން ބުނެފިއެވެ.

ޔުނިސެފުން މިދިޔަ ބުރާސްފަތި ދުވަހު ބުނީ، ކޮވެކްސް މަޝްރުޢޫގެ ދަށުން ފަގީރު ގައުމުތަކަށް ލިބުން ކޮވިޑް ވެކްސިންގެ 100 މިލިއަނަށްވުރެ ގިނަ ޑޯޒް މުއްދަތު ހަމަވާން ކައިރިވެފައިވާތީ އެ ގައުމުތަކުން ނައްތާލައިފައިވާ ކަމަށެވެ. އެހެންކަމުން ގިނަ ޑޯސްތަކެއް ފަގީރު ގައުމުތަކަށް ފޯރުކޮށްދިން ނަމަވެސް، ބޮޑެތި އާބާދީތަކަށް ވެކްސިން ދިނުމުގެ މަގްސަދު ހާސިލްނުވާކަމަށް ޔުނިސެފުން ބުނެއެވެ.

ކޮވެކްސް މަޝްރޫޢުގެ ދަށުން ދުނިޔޭގެ 150 ގައުމަކަށް ގާތްގަނޑަކަށް އެއް ބިލިއަން ޑޯޒް ވަނީ ފޯރުކޮށްދީފައެވެ. ނަމަވެސް ގިނަ ގައުމުތަކަށް މުއްދަތު ހަމަވާން ކައިރިވެފައިވާ ޑޯޒްތައް ލިބުމުގެ އިތުރުން ގަނޑުކޮށް ވެކްސިން ބެހެއްޓޭނެ އިންތިޒާމުތަކެއް ގިނަ ގައުމުތަކުގައި ގާއިމްކުރެވިފައެއް ނުވެއެވެ. އަދި ބައެއް ގައުމުތަކުގައި ކޮވިޑުން ދިފާއުވުމަށް ވެކްސިން ޖެހުމާ ދެކޮޅަށް މުޒާހަރާކޮށް، ވެކްސިން ޖެހުމަށް ތަރުހީބު ނުލިބޭކަމަށް ރިޕޯޓު ކޮށްފައިވެއެވެ.

މީގެއިތުރުން ވެސް ބައެއް ގައުމުތަކުގައި ސިއްހީ ނިޒާމަށް ބާރުބޮޑުވުމުގެ ސަބަބުން ވަނީ ވެކްސިން ޖެހުމުގައި ދަތިތަކަކާއި ކުރިމަތިލާން ޖެހިފައެވެ.

މިދިޔަ އަހަރު ނިމުނުއިރު އީޔޫއިން ފަގީރު ގައުމުތަކަށް 380 މިލިއަން ޑޯޒް ދީފައިވާ ކަމަށާއި އޭގެ ތެރެއިން އެ ގައުމުތަކަށް ފޯރުކޮށްދެވިފައިވަނީ އެންމެ 255 މިލިއަން ޑޯޒް ކަމަށް ޔޫރަޕިއަން ކޮމިޝަނުން ބުނެފައިވެއެވެ.

ޔުނިސެފްގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި 681 މިލިއަން ޑޯޒް ގައުމުތަކަށް ފޮނުވާފައިވާއިރު، ގާތްގަނޑަކަށް ފަގީރު 90 ގައުމަކާއި ސަރަހައްދެއްގައި ވެކްސިން ރައްކާކުރެވިފައި ހުރި ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.