ކޮރޯނާ ވައިރަސްއާއި ގުޅިގެން އާއްމު ދިރިއުޅުމަށް ވަނީ އެތައް ބަދަލު ތަކެއް ގެންނަން މަޖުބޫރު ވެފައެވެ. އެގޮތުން މާސްކު އެޅުމާއި އިޖުތިމާއީ ގައިދުރުކަން ބެހެއްޓުން ފަދަ ކަންތައްތައް ފާހަގަ ކޮށްލެވެއެވެ.

މާސްކު އެޅުމަކީ ހުރިހާ ތަނެއްގައި ވެސް މަޖުބޫރު ކުރެވިފައިވާ ކަމެކެވެ. ނަމަވެސް މާސްކު އަޅައިގެން އުޅެން ޖެހުމުން ގިނަ ބަޔަކަށް ތަފާތު އުދަނގޫތަކާއި ކުރިމަތިވާ ކަމުގެ ޝަކުވާތައް ވަރަށް ގިނައެވެ.

މިގޮތުން އެންމެ ގިނަ ބަޔަކު ކުރާ ޝަކުވާއަކީ ރެސްޓޯރެންޓް ފަދަ ތަންތަނުގައި ކާން ތިބޭއިރު މާސްކު ނަގައިގެން ތިބެން ޖެހުމެވެ. އެފަދަ ތަންތަނަކީ ގިނަ މީހުން އެއްވާ ތަންތަނަށް ވާތީ، މާސްކު ނެގުން ރައްކާތެރި ނުވާނެ ކަމުގެ ޝަކުވާ ތަކެވެ.

ދެކުނު ކޮރެއާއިން ވަނީ މިކަމަށް ހައްލެއް ގެނެސްފައެވެ. ފެބްރުއަރީ 4 ވަނަ ދުވަހުން ފެށިގެން އެގައުމުގައި ވަނީ ''ކޮސްކް'' ގެ ނަމުގައި ނޭފަތް އެކަނި ނިވާވާ މާސްކެއް ތަޢާރަފް ކޮށްފައެވެ.

ދެކުނު ކޮރެއާއަކީ ކެއުމަށް ހާއްސަ ސަމާލުކަމެއްދޭ ކެއުމަށް ލޯބިކުރާ ބަޔަކު އުޅޭ ގައުމެކެވެ. އެހެންކަމުން ރައްކާތެރިކަމާއި އެކު ރެސްޓޯރެންޓް ފަދަ ތަންތާގައި ކެއުމަށް ހާއްސަ މާސްކެއް ތަޢާރަފް ކޮށްފައިވާ ކަމަށް ރިޕޯޓް ތަކުގައި ވެއެވެ.

''ކޮސްކް'' މި މާސްކުން ނިވާ ކުރެވެނީ ހަމައެކަނި ނޭފަތެވެ. އެހެންކަމުން މި މާސްކު އަޅައިގެން ހުރެ ވެސް ފަސޭހަ ކަމާއި އެކު ކެވޭނެ ކަމަށް ވެސް ރިޕޯޓް ތަކުގައިވެއެވެ.

''ކޮސްކް'' މާސްކު އެޅުމަށް ފަހު އޭގެމަތިން އާދައިގެ މާސްކު ވެސް އެޅޭނެއެވެ. އަދި ކާން ވުމުން އާދައިގެ މާސްކު ނެގުމުން ވެސް ''ކޮސްކް'' މާސްކުގެ ސަބަބުން ނޭފަތް އިންނާނީ ރައްކާތެރިކޮށެވެ.