ހުޅަނގުގެ ގައުމުތަކުން މިހާރު ރަޝިއާ އާއި ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ބައިނަލްއަޤުވާމީ ޖައްވީ އިދާރާ އައިއެސްއެސް ބިމަށް ނުވަތަ ކަނޑަށް ވެއްޓިދާނެ ކަމަށް ރަޝިއާ އިން ބުނެފިއެވެ.

ރަޝިއާގެ ޖައްވީ އިދާރާ ރޮސްކޯމޮސްގެ ވެރިޔާ ޑިމިޓްރީ ރޮގޯޒިން މިއަދު ވަނީ ޖައްވީ އިދާރާގެ އޮޕަރޭޝަން ފުރިހަމަ އަށް ކުރިއަށް ގެންދިއުމަށްޓަކައި ހުޅަނގުގެ ގާނޫނާއި ހިލާފު ދަތިކުރުމުގެ ފިޔަވަޅުތައް އުވާލަން ގޮވާލާފައެވެ.

ޑިމިޓްރީ ވިދާޅުވީ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ޖައްވީ އިދާރާގެ އޮޕަރޭޝަނަށް ހުރަސް އެޅި ބިމަށް ތިރިކުރަން ޖެހިދާނެއެވެ. ނުވަތަ މައްސަލަތަކެއް ދިމާވެގެން ކަނޑަށް ނުވަތަ ބިމަށް 500 ޓަނުމުގެ ޖައްވީ އިދާރާ ވެއްޓިދާނެއެވެ.

ޖައްވީ އިދާރާ ހިންގުމުގައި އެންމެ އިސް ދައުރެއް އަދާކުރަނީ އެމެރިކާ އާއި ރަޝިއާ އިންނެވެ. ޖައްވީ އިދާރާ އަށް އެސްޓްރޮނޯޓުން ފޮނުވުމާއި އަނބުރާ ބިމަށް އެސްޓްރޮނޯޓުން ފޮނުވުމާއި އަދި ޖައްވީ އިދާރާގެ ކޮމިއުނިކޭޝަން ހުރިހާ މަސައްކަތެއް ކުރަނީ ރަޝިއާ އިންނެވެ. ޖައްވީ އިދާރާއަށް އޮކްސިޖަން ފޯރުކޮށްދިނުމާއި އެއިދާރާ އިން ކާބަންޑާއޮކްސައިޑް ބޭރު ކުރުން ފަދަ ކަންކަން ކުރަނީ އެމެރިކާ އިންނެވެ.

މިހާރު ވެސް އެމެރިކާގެ ހަތަރު އެސްޓްރޮނޯޓަކާއި ޔޫރަޕިއަން ސްޕޭސް އެޖެންސީ ތަމްސީލް ކުރާ ޖަރުމަންވިލާތުގެ އެސްޓްރޮނޯޓަކާއި ރަޝިއާގެ ދެއެސްޓްރޮނޯޓަކު އައިއެސްއެސްގައި އެބަތިއްބެވެ.

ރަޝިއާގެ ޖައްވީ އިދާރާގެ ވެރިޔާ ވިދާޅުވީ ހުޅަނގުގެ ގައުމުތަކުގެ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ޖައްވީ އިދާރާގެ މަސައްކަތްތަކަށް އެޅެމުންދާ ހުރަސްތައް ލިޔުމުން މިހާރު ވަނީ ނާސާ އަށާއި ކެނެޑާގެ ޖައްވީ އިދާރާއަށާއި ޔޫރަޕިއަން ސްޕޭސް އެޖެންސީއަށް އަންގާފައެވެ. އަދި ގާނޫނާއި ހިލާފަށް ރަޝިއާ އަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ނަގަން އެއިދާރާތަކަށް އަންގާފައި ވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޖައްވީ އިދާރާ 2024 ވަނަ އަހަރު ބިމަށް ވައްޓާލަން ކުރިން އޮތީ ނިންމާފައެވެ. ނަމަވެސް އެމެރިކާ އިން މިހާރު ބުނެފައިވާ ގޮތުގައި ވިސްނުން ހުރީ 2030 ވަނަ އަހަރާއި ހަމައަށް ޖައްވީ އިދާރާ ބޭނުން ކުރަމުން ގެންދިއުމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޔާމިނު

    ވެއްޓުނިއްޔާ ވެއްޓުނީ. ހަމަ މީހުންކޮޅެއް މަރުވާނީ އެންމެބޮޑުވަރަކަށް. އެއަށްވުރެ ތާހިރުވާނެ ޕުޑިން ޔޫކްރެއިން އިން ފޭބިއްޔާ

    3
    16