އިސްރާއީލް ސިފައިން މިދިޔަ ހުކުރު ދުވަހު އަޤުޞާ މިސްކިތުގެ އެތެރެއަށް ވަދެ މިސްކިތުގެ ހުރުމަތް ކަނޑާ މިސްކިތުގެ ސާފުތާހިރުކަން ގެއްލުވާލުމުން މިސްކިތް ސާފު ކުރުމުގެ މަސައްކަތް ކުރި ހައެއްކަ އަހަރުގެ ކުއްޖަކަށް ސަމާލުކަން ލިބިއްޖެއެވެ.

ހުކުރު ދުވަހުގެ ފަތިސް ނަމާދަށް އެތައް ބަޔަކު އަޤުޞާ މިސްކިތައް ޖަމާވެފައި ވަނިކޮށް އިސްރާއީލް ސިފައިން މިސްކިތައް ވަނީ މިސްކިތުގެ ދޮރުތައް ވެސް ހަލާކު ކޮށްލުމަށް ފަހުއެވެ. މިސްކިތުގެ ބައެއް ބިއްލޫރި ދޮރުތައް އިސްރާއީލް ސިފައިން ތަޅާލުމުން ބިއްލޫރިތައް މިސްކިތުގެ ނަމާދު ކުރާ ބައިގެ ތެރެއަށް ވެސް އެޅުނެވެ.

އިސްރާއީލް ސިފައިން މީހުންނަށް ހަމަލާ ދިނުމުން އޮހޮރުނު ލޭތައް ވެސް މިސްކިތުގެ ކާޕެޓްތައް މަތީގައި ހުއްޓެވެ.

ތުއްތު ކުއްޖާއި އެހެން މީހުންނާއި ބައިވެރިވެގެން ސާފު ކުރީ ކާޕެޓް މަތީގައި ހުރި ލޭތަކެވެ.

އިސްރާއީލް ސިފައިން ހުކުރު ދުވަހު ފަތިސް ނަމާދުގެ ވަގުތު މިސްކިތައް ގެއްލުންދިން ނަމަވެސް އެދުވަހު 60000 މީހުން ވަނީ އަޤުޞާ މިސްކިތައް ޖަމާވެ އެދުވަހުގެ ހުކުރު ނަމާދުގައި ބައިވެރިވެފައެވެ.

ހުކުރު ދުވަހު އަޤުޞާ މިސްކިތުގެ ތެރޭގައި ހަމަނުޖެހުންތައް ހިންގުމަށް ފަހު އިސްރާއީލް ސިފައިން މިއަދު ވެސް ވަނީ އަޤުޞާ މިސްކިތުގެ ގޯތިތެރެއަށް ވަދެ ފަލަސްތީން މީހުންނަށް ހަމަލާ ދީފައެވެ. މިއަދު އިސްރާއީލް ސިފައިން ދިން ހަމަލާތަކުގައި ވެސް ގިނަ ބަޔަކު ޒަހަމްވިއެވެ.

އިސްރާއީލުން އަޤުޞާ މިސްކިތުގައި ހިންގަމުން ގެންދާ ޖަރީމާތަކުގެ ސަބަބުން ފަލަސްތީންގެ މަސްރަހު އަންނަނީ ހޫނުވަމުންނެވެ. އިސްރާއީލް ސިފައިންގެ އަމަލުތަކާއި ގުޅިގެން އެކަމުގެ ބަދަލު ހިފަން ޣައްޒާގައި ހަރަކާތްތެރިވާ ހަމާސް ޖަމާއަތުން އިސްރާއީލަށް ހަމަލާތަކެއް ދީފާނެ ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ. އެފަދަ ހާލަތެއްގައި ހަނގުރާމައެއް ފެށުމުގެ ބިރު ވަރަށް ބޮޑެވެ.