އުތުރު ކޮރެއާއިން ދަނީ ސީރިޔާގެ ސަރުކާރަށް ކެމިކަލް ހަތިޔާރު އުފައްދަން ބޭނުންވާ ތަކެތި ސަޕްލައި ކޮށްދެމުން ކަމަށް އދ. އިން ބުނެފިއެވެ.

ނަން ހާމަ ނުކުރުމަށް ޝަރުތުކޮށް ސީ.އެން.އެން އާއި ވާހަކަދެއްކި އދ.ގެ އޮފިޝަލަކު ވިދާޅުވީ އުތުރު ކޮރެއާއިން އެސިޑްގެ އަސަރުނުކުރާ ޓައިލްސް، ތާރމޮމީޓާރސް އަދި އެހެނިހެންވެސް ތަކެތި ސީރިޔާއަށް ފޮނުވާފައިވާކަމަށް އދ.ގެ ތަޖުރިބާކާރުންގެ ޕެނަލްއަކުން އުތުރު ކޮރެއާއާއި ބެހޭގޮތުން އެކުލަވާލި ރިޕޯޓެއްގައި ހިމަނާފައިވާކަމަށެވެ.

މި މައުލޫމާތު ހާމަވެފައި މިވަނީ މީގެ ދެ ދުވަސްކުރިން ސީރިޔާގެ ސަރުކާރުން އެގައުމުގެ ދާޙިލީ ހަނގުރާމައިގެ ހަމަލާބަދަލުކުރުން އެންމެ ވަރުގަދަޔަށް ހިނގަމުންދާ އިރުމަތީ ގޯޓާ ސަރަހައްދަށް ކެމިކަލް ހަމަލާއެއް ދީފައިވާކަމުގެ ތުހުމަތުތަކެއް ކުރެވިފައި ވަނިކޮށެވެ.

ސީރިޔާގެ ރައީސް ބައްޝާރުލް އައްސަދު ވަނީ ސަރުކާރުގެ ސިފައިން އެއްވެސް ހާލެއްގައި އެއްވެސް އިރެއްގައި ކެމިކަލް ހަތިޔާރު ބޭނުންކޮށްފައިނުވާނޭކަމަށް އެތައް ފަހަރެއްގެ މަތިން ބުނެފައެވެ. އެހެންނަމަވެސް ސީރިޔާގެ އެކި ސަރަހައްދުތަކުގައި މަސައްކަތްކުރާ ސިއްހީ ފަރުވާ އަދި އެހީ ފޯރުކޮށްދޭ އެކި އެކި ޖަމާއަތްތަކުން ވަނީ ކެމިކަލް ހަމަލާތަކުގެ ޝިކާރައަކަށް ވެފައިވާ އެތައް ބަޔަކަށް އެތައް ފަހަރެއްގެ މަތިން ފަރުވާ ދީފައެވެ.

އދ. އިން އުތުރު ކޮރެއާއާއި ބެހޭގޮތުން އެކުލަވާލި މި ރިޕޯޓް އާންމުކޮށްފައިނުވާއިރު އދ. އިން ދަނީ 2006 ވަނަ އަހަރުން ފެށިގެން އުތުރު ކޮރެއާއަށް ހަތިޔާރާއި ހަތިޔާރު އުފެއްދުމަށް ބޭނުންކުރެވޭ އެހެނިހެން ތަކެތި އެކްސްޕޯޓުކުރުން ހުއްޓާލުމަށް ބާރުއަޅަމުންނެވެ. މީގެ އިތުރުންވެސް ޔުނައިޓެޑް ނޭޝަންސްއިން ވަނީ އުތުރު ކޮރެއާއަށް އެގައުމުން ކުރިއަށްގެންދާ ނިއުކްލިއާރ ޕްރޮގްރާމް ހުއްޓާލުމަށްވެސް ގޮވާލަމުންނެވެ.

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ތި އ ދ ތެދެއް ނުހަދާނެ ދޮގެއް ހެދެއް އޮތިއްޔާ

    • ކަލެއަށް އިންސާފުވެރި ހުލްގުހެޔޮ ވެރިންނެއް ކަމުނުދާނެ އަނިޔާވެރި ޖަނަވާރު ޖައްބާރު ވެރިން ތިއްބަކާ. ތީ އަބޫ ޖަހުލުގެ ވެސް ހަމަ ސިފަ!

  2. الْبَصِیرُ ސީރިޔާގެ އެންމެހައި މުސްލިމުންނަށް ސަލާމަތާއި ރައްކާތެރިކަން މިންވަރު ކޮށްދެއްވާފާނދޭ..އާމީން